އެކި ބޭނުންތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުންދާ ތައިލޭންޑުންވެސް މަންކީޕޮކްސްގެ ކޭހެއް ފެނިއްޖެއެވެ.

ތައިލޭންޑުން މަންކީޕޮކްސްގެ ކޭހެއް ފެނިފައި ވާ ކަމަށް އެ ގައުމުން ކަށަވަރުކޮށްދެއެވެ. މަންކީޕޮކްސް ފެނިފައި ވަނީ އުމުރުން 27 އަހަރުގެ، ނައިޖީރިއާ ފިރިހެނެއްގެ ހަށިގަނޑުން ކަމަށް މައުލޫމާތު ލިބެއެވެ.

ބަލި ޖެހުނު މީހާއަށް، ޖުލައި 18 ވަނަ ދުވަހު އެކަން އެނގި ފަހުން އޭނާ ވަނީ ވީ ނުވީ ތަނެއް ނޭނގި ގެއްލިފައި ކަމަށް ހަބަރު ލިބެއެވެ.

ތައިލޭންޑުން މަންކީޕޮކްސްގެ ކޭހެއް ފެނިފައި ވަނީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ރިސޯޓް ރަށެއް ކަމަށް ވާ ޕުކެޓުންނެވެ. އޭނާ މަންކީޕޮކްސްއަށް ޕޮޒިޓިވްވި ކަން އެނގުނީ، ބަލީގެ އަލާމާތްތަކާއެކު، ޕްރައިވެޓް ހޮސްޕިޓަލަކަށް ދައްކަން ދިއުމުންނެވެ.

ތައިލޭންޑްގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވީ ހޮސްޕިޓަލަށް ދިޔަ މީހާގެ ލޭގެ ސާމްޕަލްގެ އިތުރުން ސްވަބް ސާމްޕަލްވެސް ނަގާފައި ވާ ކަމަށާ، އެއީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މަންކީޕޮކްސްއަށް ޕޮޒިޓިވް ކަމަށް ނަތީޖާ ލިބުނީ މިދިޔަ ހޯމަ ދުވަހުއެވެ.

ޕުކެޓް ޕަބްލިކް ހެލްތު އޮފީހުގެ އިސްވެރިޔާ ޑރ ކޫސަކް ކޫކިއަތުކުލް ވިދާޅުވީ ޕޮޒިޓިވް ކަމަށް ނަތީޖާ ލިބުމުން ފޯނުން ގުޅާ، އެމީހާއަށް އެކަން އެނގިކަމަށެވެ. އަދި ފަރުވާގެ ކަންކަން އިންތިޒާމު ކުރުމަށް ގުޅުމުން އެކަމާ އިންކާރުކޮށް، ފޯނު ނިއްވާލި ކަމަށްވެސް ޑރ ކޫސަކް ކޫކިއަތުކުލް ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ތައިލޭންޑަށް އެތެރެވެފައި ވަނީ އޮކްޓޯބަރު 21، 2021 ގައެވެ. އަދި ނޮވެމްބަރު 2021 އިން ފެށިގެން އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ ޕުކެޓްގެ ޕަޓޯންގްގެ ކޮންޑޯއެއްގައެވެ. އެމީހަކީ މުނިފޫހިފިލުވުމަށް ހާއްސަ ކޮށްފައި ވާ ތަންތަނަށް އާންމުކޮށް ގޮސް އުޅުނު މީހެއް ކަމަށްވެސް ހަބަރު ލިބެއެވެ.

ޖުލައި 16 ވަނަ ދުވަހު އޭނާ ހޮސްޕިޓަލަށް ދިއުމުން، އެޕާޓްމަންޓްގައި ކަރަންޓީނުވެ ހުރުމަށް އަންގާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ޕޮޒިޓިވް ނަތީޖާ ލިބުނު ފަހުންވެސް، އޭނާ ދިރިއުޅުނު ތަން ދޫކޮށް، އެހެން ހޮޓަލަކަށް ޗެކް-އިން ވި މަންޒަރު، ސީސީޓީވީ ފުޓޭޖަށް އަރާފައި ވާ ކަމަށް ޑރ ކޫސަކް ވަނީ ހާމަ ކުރައްވާފައެވެ.

ތައިލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުން އެ ގައުމުން ފުރަތަމަ ފަހަރަށް ކަށަވަރުވި މަންކީޕޮކްސް ޕޭޝަންޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށް ހަބަރު ލިބެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަނެއްކާވެސް ވަނީ، މަންކީޕޮކްސްއަކީ އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ ދަރަޖާގައި އޮތް ބަލިމަޑުކަމެއް ތޯ ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުންނެވެ. މީގެ ކުރިން، ހަމަ އެކަނި އެފްރިކާ ސަރަހައްދުން ފެންނަމުން ދިޔަ މަންކީޕޮކްސް ފެނިގެން އިނގިރޭސިވިލާތުން ރިޕޯޓް ކުރި ފަހުން މިހާތަނަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ގައުމުން، 14000 އެއްހާ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ.

އެފްރިކާ ސަރަހައްދުން ބޭރުން، މަންކީޕޮކްސް ކޭސްތައް އިތުރުވާން ފެށީ މި އަހަރުގެ މެއި މަހުގެ ކުރީކޮޅުގައެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް ފޮ މަންކީޕޮކްސް، ރޯޒަމަންޑް ލުވީސް ވިދާޅުވީ، މިހާތަނަށް ރިޕޯޓް ކޮށްފައި ވާ ކޭސްތަކަށް ބަލާއިރު 98 ޕަސެންޓް ކޭސް ހިއްސާ ކުރަނީ، އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ދާދި ފަހުން "ބައިވެރިޔަ" ބަދަލު ކުރި މީހުންނާއި ނުދަންނަ މީހުންނާއެކު ގުޅުން ހިންގި މީހުން ކަމަށްވެސް ލުވީސް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.