ދަރިންނަކީ ދެމަފިރިންނަށް ލިބޭ އެންމެ ބޮޑު އުފާ ކަމަށް ވާއިރު ދަރިއެއް ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރާއެކު އެ ދަރިފުޅު އަންނާއެ ދުވަހަކަށް އެ ދެމަފިރިން އިންތިޒާރުބކުރެއެވެ. މާބަނޑު ދުވަސްވަރާއި އެއަށްފަހުވެސް ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ ދިރިއުޅުމުގެ ވައްޓަފާޅިއާއި އެހެނިހެން ކަންކަމަށް ދެމަފިރިން އިތުރަށް ސަމާލުވެއެވެ. އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައުން މަދުން ނަމަވެސް އެ ފަދަ ފޮނި އިންތިޒާރުގެ ނިމުން އިހުމާލަކުން ހިތި ކޮށްލާ އަޑަކީ އާންމު އަޑަކަށް ވެގެން ދިއުމެވެ.

ގިނަ ބަޔަކު އާބާދުވަމުން އަންނަ ހުޅުމާލެގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅެމުން އަންނަ ތ. ހިރިލަންދޫ، އައިޝަތު ޝިފްނާ، 13 އަހަރު ފަހުން ދެވަނަ ދަރިއަކަށް ބަލިވެއިން ހަބަރުވެގެން ދިޔައީ އެ ދެމަފިރިންގެ އިތުރުން ދެފަރާތުގެ އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެހެންނަމަވެސް މި މަހު 16 ވަނަ ދުވަހުގެ ރޭ ކަން ހިނގާ ދިޔައީ އެ އެންމެން ހީވެސް ނުކުރާފަދަ ހިތާމަވެރި ގޮތަކަށެވެ.

އެ ވާހަކަތައް "ދަ ޕްރެސް" އާ ހިއްސާކުރަމުން ޝިފްނާގެ ފިރިމީހާގެ ކޮއްކޮ ފާތިމަތު ޔައުލާ އިބްރާހިމް ބުނީ ޝިފްނާއަކީ ހައި ރިސްކު މީހެއް ކަމަށާއި މި މަހުގެ 7 ވަނަ ދުވަހު ލޭގެ ޕްރެޝަރު ބެލިއިރު ހުރީ ތަންކޮޅެއް މަތިވެފައި ކަމުން ހުޅުމާލެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓަށް ދިޔަ ކަމަށެވެ. އަދި އެތަނުން އެދުނީ މާބަނޑު މީހުންނަށް ހާއްސަ ކްލިނިކަށް ގޮސް އެމަޖެންސީކޮށް ދައްކަން ކަމަށް ޔައުލާ ކިޔައިދިނެވެ.

ހުޅުމާލެ ހޮސްޕިޓަލް / ފޮޓޯ: ފާތިމަތު އަޖުފާން | ދަ ޕްރެސް

ދެން އެ ކްލިނިކަށް ދިއުމުން އެނގުނީ ކުރިއަށް އޮތް 10 ދުވަހަށް އެޕޮއިންޓްމެންޓް ވަނީ ފުލްވެފާ ކަމަށާއި އީދު ބަންދާ ދިމާވުމުން އެހެން ކްލިނިކަކުންވެސް އެޕޮއިންޓްމެންޓް ނުލިބުނު ކަމަށްވެސް ޔައުލާ ބުންޏެވެ.

"އެތަނުންވެސް އިތުރު މައުލޫމާތެއް ނުދެ. އެމަޖެންސީ ހާލަތެއްގައި ކުރަން ޖެހޭނެ ކަންކަމެއްވެސް . ބީޕީ ޗެކްކުރާއިރު ބީޕީ ހަިއކޮށް ހުރިއްޔާ ބޭބީ ކިކް ކައުންޓު ކުރަން ޖެހޭނެ ކަމާ ހާޓް ބީޓް ލިބޭތޯ ބަލަން ޖެހޭނެ ކަމާ. އެއްވެސް މައުލޫމާތެއް ނުދެ."
ޔައުލާ

ޑޮކްޓަރުން ދީފައިވާ އިރުޝާދު ވާ ގޮތުން ކޮންމެ ދުވަހަކުވެސް ޕްރޮސީޖާ ރޫމަށް ޝިފްނާ ހެނދުނާއި ރޭގަނޑު ލޭގެ ޕްރެޝަރު ބަލަންދާން ޖެހެއެވެ. އޭނާ އަކީ އަބަދުވެސް ޕްރެޝަރު ދަށްވެ، މަތިވާ މީހެކެވެ. އެހެންނަމަވެސް ލޭގެ ޕްރެޝަރަށް އަންނަ ބަދަލެއްގެ ސަބަބުން ބަނޑުގައިވާ ދަރިފުޅާއި މައިމީހާގެ ފުރާނައަށް ގެއްލުން ވެދާނެ ފަދަ އެއްވެސް ވާހަކައެއް އެ ހޮސްޕިޓަލުން ކިޔައިދީފައި ނުވާ ކަމަށް ޔައުލާ ބުނެއެވެ.

ޕްރެޝަރު މަތިވެއްޖެ ނަމަ ގެއަށް ގޮސް އަރާމުކޮށް ގަވާއިދުން ބޭސް ކެއުމަށް އިރުޝާދު ދީފައިވާ ކަމަށާއި ޕްރެޝަރު ދަށްކުރުމަށް ދީފައިވާ 500 މިލިގްރާމުގެ ބޭހުގެ ސަބަބުން އަބަދު ވަރުބަލިވެ، ނިދި އަންނަކަމަށް ޔައުލާ ބުނެއެވެ. އެހެންކަމުން ޝިފްނާގެ ބަނޑުގައިވާ ދަރިފުޅުގެ ތޮޅުން މަދުވައިކަން ނޭނގޭ ކަމަށް ޔައުލާ ބުންޏެވެ.

އެ ދުވަހު ކަން ހިނގީ ކިހިނެތް؟

16 ވަނަ ދުވަހުގެ ރޭގަނޑު ލޭގެ ޕްރެސަރު ބަލަން ދިޔައިރު ބަނޑުގައި ރިއްސާ ކަމަށާއި ޕްރޮސީޖާ ރޫމްގައި ހުރި ނަރުހެއްގެ ގާތު އެ ވާހަކަ ބުނުމުންވެސް ބޭބީ މޮނީޓާ ކުރުމަކާ ނުލައި ފްރެޝަރު ބެލުމަށް ފަހު ގެއަށް ގޮސް އަރާމުކުރުމަށް ބުންޏެވެ. ގެއަށް ދިޔަ ފަހުން ވެސް ބަނޑުގެ ރިހުމަށް ލުޔެއް ނުލިބި ރިހުން އިތުރުވަމުން ދިޔަ ކަމަށް ޔައުލާ ބުންޏެވެ. އަދި އެ ރޭ 2 ޖެހިފަހުން ލޭގެ އަސަރު ފެންނަން ފެށި ކަމަށާއި ހޮސްޕިޓަލަށް ދިއުމުން އެމަޖެންސީ ރޫމަށް ނުވައްދާ ޓްރައޭޖަށް ދާން ބުނި ކަމަށް ޔައުލާ ބުންޏެވެ. އެތާ ކިއުގަ ހުރުމަށްފަހު ޓްރައޭޖު މެދުވެރިކޮށް އެމަޖެންސީ ރޫމަށް ދެވުނު އިރު 3:30 ވެދާނެ ކަމަށް ބުންޏެވެ. އޭރު ދަރިފުޅުގެ ހާޓް ބީޓް ނުލިބިގެން ވިއްސާ ކޮޓަރިއަށް ގެންދަން ލިފްޓަށް އެރުވި ވަގުތު ޝިފްނާ ވިހެއީ ކަމަށް ޔައުލާ ވަނީ ބުނެފައެވެ.

ލިފްޓް ތެރޭގައި ނަރުހުން ތަދަށް ނުހިފާށޭ ބުނުމުން ޝިފްނާ ތަދަށް ހިފީ އޭނާގެ އިހުތިޔާރަކު ނޫން ކަމަށް ބުންޏެވެ. އަދި ލޭބާ ރޫމަށް ނުދެވެނީސް ވިހެއީ ކަމުގެ އިހުސާސެއްވެ، އެ ވާހަކަ ބުނުމުން ނަރުސް ކުދިން ފޮތިގަނޑު ހިއްލާ ބަލާލީވެސް ލޭބާ ރޫމަށް ވެއްދުމަށް ފަހު ކަމަށް ބުންޏެވެ. ފޮތިގަނޑު ހިއްލާ ބެލިއިރު ޝިފްނާ އޮތީ ވިހާފައެވެ. އަދި ތުއްތު ކުއްޖާގެ ފުރާނައެއް ނެތެވެ.

"ނަރުސް ކުދިން ލިފްޓް ތެރޭގައި ބުންޏޯ ބާރު ނުލާށޭ ތިމަންނަ ބުނީމޯ ބާރު ލަނީކީ ނޫނޭ ބާރު ލެވެނީއޭ. އެބަ އާދެ އޭ އެހެން އެތައް ފަހަރަކު ރޮމުން ބުނީމޯ. ބުނީމަ ވެސް ބުންޏޯ މަޑުން އޮންނާށޭ. އެހެން ބުނިތާ މާ ގިނަ އިރެއް ނުވެ އެއްޗެއް ނިކުތް ހެން ހީވިއޯ. އެހެންވެ ވަގުތުން ބުނީމޯ ބަލާ ބަލާށޭ އެއްޗެއް ނިކުމެއްޖެ އޯ. ބުނީމަ ވެސް ލޭބާ ރޫމަށް ވަދެފަ ފޮތިގަނޑު ހިތްލި އިރު ބޭބީ. އޮތީ މަރުވެފަ"
ޔައުލާ

ޔައުލާ ބުނީ މިކަމާ ގުޅިގެން ޝިފްނާއަށް ނަފްސާނީ ގޮތުން ބޮޑު ގެއްލުމެއް ލިބިފައި ވާއިރު ނިދީގައި ސިއްސައިގެން ގޮސް ދަރިފުޅު ރޯ އަޑު އިވި ހޭލެވޭ ކަމަށެވެ. އަދި 8 މަހާ ހަފްތާއެއް ވަންދެން ފެން ބަތްޕެނާއި ލޮނު ނުލާ ކައިގެން ޝިފްނާ އުޅުނީ ވަރަށް ހާލުގައި ކަމަށާއި މިކަމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޔައުލާ ފާހަގަކުރެއެވެ.

މީގެ އިތުރުން 5 މަހުގައި ކުރުމުން ޝިފްނާގެ ބަނޑުގައި އޮތީ އަންހެން ކުއްޖެއް ކަމަށް ޑޮކްޓަރުން ބުނި ކަމަށާއި އެހެންނަމަވެސް ވިހޭއިރު އޮތީ ފިރިހެން ކުއްޖެއް ކަމަށްވެސް ޔައުލާ ވަނީ ފާހަގަކޮށްފައެވެ.

އާއިލާގެ އުންމީދު:

ޝިފްނާގެ އާއިލާގެ އުންމީދަކީ މިކަމާ ގުޅިގެން ހޭލުންތެރިވެގެން މިފަދަ ކަމެއް ތަކުރާރު ނުވުމާއި ޝިފްނާގެ ދަރިފުޅު އަމީން ޔާމީންގެ އިންސާފު ހޯދައިދިނުމެވެ. އަދި ހުޅުމާލޭގެ އާބާދީ ބޮޑުވަމުން އަންނައިރު ރީޖަނަލް ހޮސްޕިޓަލެއްގެ ބަދަލުގައި ރާއްޖޭގެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހުޅުމާލެ ހޮސްޕިޓަލު ހެދުމަކީވެސް އެ އާއިލާއިން ދެކޭ ހުވަފެނެކެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ޝަކުވާ ފޯމެއް ވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށާއި ޝަކުވާ ފޯމެއްވެސް މި މަހުގެ 18 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފޯމު ހުށަހެޅުމުގެ ކުރިންވެސް މައްސަލަ ތަހުގީގުކުރަން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.