މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ހުއްދައާ އެއްގޮތަށް ބައެއް ކޮންޓްރެކްޓަރުން އަމަލުނުކުރާ ކަމަށް އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ބުނެފިއެވެ.

އީޕީއޭއިން މިހެން ބުނެފައި މިވަނީ ސ. ހުޅުދޫ އަދި ހުޅުމީދޫ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރިކަމުގެ ލިޔުމާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ގަވާއިދުގައިވާ ގޮތުގެ މަތިން އެ މަޝްރޫއުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

އީޕީއޭއިން މިއަދު ބުނި ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމުގެ ގަވައިދުގައިވާ ގޮތުގެ މަތީން ތިމާވެއްޓަށްް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މޮނިޓަރިން ރިޕޯޓުތައް މަޝްރޫއާ ހަވާލުވެގެން އުޅޭ ބައެއް ކޮންޓްރެކްޓަރުން ހުށަހަޅަމުން ނުދާ ކަމަށެވެ.

މަޝްރޫއު ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ހުއްދައިގައިވާ ގޮތަށް މަޝްރޫއު ފެށުމަށްފަހު ފެއްޓި ތާރީހު އެ އޭޖެންސީއަށް ލިޔުމުން އަންގަމުން ނުދިއުމާއި މޫސުމީ ހާލަތްތަކަށް ބަލައި ހުއްޓާލަން ޖެހޭ ހާލަތްތަކުގައި ވެސް މަސައްކަތް ކުރިއަށް ގެންދިއުން ފަދަ މައްސަލަތައް ފާހަގަވެފައިވާ ކަމަށް ވެސް އޭޕީއޭއިން ވަނީ ބުނެފައެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް އެ އޭޖެންސީން ދޫކުރާ ހުއްދަތަކާ އެެއްގޮތަށް މަސައްކަތް ކުރުމަށް އީޕީއޭއިން ވަނީ އެދިފައެވެ.