ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ މަންކީޕޮކްސް ބަލިމަޑުކަން މިހާރު އޮތީ އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ތޯ ބަލާ، އެކަން ކަނޑައެޅުމާ ބެހޭ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަޖުރިބާކާރުންގެ ޕެނަލަކުން މިއަދުގެ ވަގުތެއްގައި މަޝްވަރާތައް ފަށާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.
މި ބައްދަލުވުން ވާނީ ޑަބްލިއުއެޗްއޯގެ ކުއްލި ނުރައްކަލާތަކާ ބެހޭ ކޮމިޓީއިން، މަންކީޕޮކްސް ބައްޔާ ގުޅިގެން ކުރިއަށް ގެންދާ މިފަދަ 2 ވަނަ ބައްދަލުވުމަށެވެ.
މީގެ ކުރިން، ހަމަ އެކަނި އެފްރިކާ ސަރަހައްދުން ފެންނަމުން ދިޔަ މަންކީޕޮކްސް ފެނިގެން އިނގިރޭސިވިލާތުން ރިޕޯޓް ކުރި ފަހުން މިހާތަނަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ގައުމުން، 14000 އެއްހާ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ.
އެފްރިކާ ސަރަހައްދުން ބޭރުން، މަންކީޕޮކްސް ކޭސްތައް އިތުރުވާން ފެށީ މި އަހަރުގެ މެއި މަހުގެ ކުރީކޮޅުގައެވެ.
ޖޫން 23 ވަނަ ދުވަހުވެސް ޑަބްލިއުއެޗްއޯއިން ވަނީ، މަންކީޕޮކްސްއަކީ އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް ބައްޔެއްތޯ ބެލުމަށް އެމާޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އާލަމީ ސިއްހީ ކުއްލި ނުރައްކަލުގެ އިންޒާރަކީ، ސިއްހަތާ ބެހޭ އދގެ އިދާރާއިން ނެރޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ. ނަމަވެސް އޭރު އެ ބަލިމަޑުކަން އޮތީ އެ ދަރަޖާގައި ނޫން ކަމަށް، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯސް އެޑަނޮމް ގެބްރިޔޭސޫސްއަށް، އަޣުލަބިއްޔަތުން ވަނީ ލަފާ އަރުވާފައެވެ.
ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައި ވާ އިރު، ހުސްވި ހަފުތާގައި އެކަނިވެސް އިތުރު 6 ގައުމެއްގައި ބަލި ފެތުރިގެން ރިޕޯޓް ކޮށްފައިވެއެވެ.
ބުދަ ދުވަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ލީޑް ފޮ މަންކީޕޮކްސް، ރޯޒަމަންޑް ލުވީސް ވިދާޅުވީ، މިހާތަނަށް ރިޕޯޓް ކޮށްފައި ވާ ކޭސްތަކަށް ބަލާއިރު 98 ޕަސެންޓް ކޭސް ހިއްސާ ކުރަނީ، އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ދާދި ފަހުން "ބައިވެރިޔަ" ބަދަލު ކުރި މީހުންނާއި ނުދަންނަ މީހުންނާއެކު ގުޅުން ހިންގި މީހުން ކަމަށްވެސް ލުވީސް ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.
ކޭސްތައް މައިގަނޑު ގޮތެއްގައި ނިސްބަތް ވަނީ، ތަރައްގީ ހިސާބުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.