މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފިއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައިރު އެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ 3 ފްލައިޓެއްގައެވެ. އެއީ މިއަދާއި، މި އަންނަ ހޮނިހިރުދުވަހާއި އަންނަ ހަފްތާގެ ބުދަދުވަހުއެވެ.

މިއަދު އައި ފްލައިޓުން 157 ހައްޖުވެރިން ރާއްޖެވަނީ އައިސްފައެވެ. އަދި 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ހައްޖުވެރިން، 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ހައްޖުވެރިންނެވެ.

ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ހުޅުވާލީ އާންމުންނަށެވެ.

މިފަހަރު ހައްޖަށް ދިޔަ މީހުން ބަލާ އެއާޕޯޓަށް ދާ މީހުންނަށް ހާއްސަކޮށް ހިލޭ ދަތުރުކުރެވޭ ގޮތަށް ވެހިކަލްތަކެއް ހަމަޖައްސާފައި ވާއިރު ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާ ގުޅިގެން ހައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

މާލެއިން ހުޅުމާލެއަށް ދާ މީހުންނަށް ވެސްޓްޕާކާއި ކާނިވާ ސަރަހައްދުން ދެވޭ ގޮތަށް ހަމަޖެހިފައި ވާއިރު ހުޅުމާލެ ފޭސް 1 އިން އަދި ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް ދިއުމަށް ވެހިކަލްތައް ހަމަޖެހިފައި ވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.