ޖަރުމަނަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އައިޝަތު ޝާން ޝާކިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި ޝާން ޖަރުމަނަށް ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ފަހު ރައީސް ވަނީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ޝިއާން ވެސް މިއަދު އައްޔަން ކުރައްވާފައެވެ. ޝިއާން މިހާތަނަށް ހުންނެވީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީގެ މަގާމުގައެވެ.
2019 ވަނަ އަހަރުން ފެށިގެން ދިވެހި ސަފީރުގެ މަގާމުގައި ޖަރުމަނުގައި ހުންނެވި އަހުމަދު ލަތީފް ގެނެސް، އެ މަގާމަށް ޝާން އައްޔަނުކުރައްވަން މަޖިލީހުން ވަނީ މޭ 24 ގައި ރުހުން ދީފައެވެ.
ޝާން އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. އަދި ފޮރިންގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރެއްވިއެވެ. އޭގެ ކުރިން ޝާން ރާއްޖެ އިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ވެސް ކުރައްވާފައިވާއިރު މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރު ކަމާއި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް ޝާން އަދާކުރެއްވިއެވެ.