1443 ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ރާއްޖެ ގަޑިން ހެނދުނު 10:10 ގައި ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައިރު އެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ 3 ފްލައިޓެއްގައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިއަދުގެ ފްލައިޓުން 157 ހައްޖުވެރިން އަންނަން ހަމަޖެހިފައި ވާއިރު 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ހައްޖުވެރިން ކަމަށާއި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ހައްޖުވެރިން ކަމަށެވެ.

އެ ހައްޖުވެރިންނަށް ހާއްސަކޮށް ހިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހައްޖުވެރިންނަށް ހާއްސަ ސަރަހައްދެއް ހަމަޖައްސާފައި ވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް ބުނެއެވެ. އަދި މިފަހަރު ހައްޖަށް ދިޔަ މީހުން ބަލާ އެއާޕޯޓަށް ދާ މީހުންނަށް ހާއްސަކޮށް ހިލޭ ދަތުރުކުރެވޭ ގޮތަށް ވެހިކަލްތަކެއް ހަމަޖައްސާފައި ވާއިރު ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާ ގުޅިގެން ހައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

މާލެއިން ހުޅުމާލެއަށް ދާ މީހުންނަށް ވެސްޓްޕާކާއި ކާނިވާ ސަރަހައްދުން ދެވޭ ގޮތަށް ހަމަޖެހިފައި ވާއިރު ހުޅުމާލެ ފޭސް 1 އިން އަދި ހުޅުމާލެ ފޭސް 2 އިން އެއާޕޯޓަށް ދިއުމަށް ވެހިކަލްތައް ހަމަޖެހިފައި ވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން އެ ހަތަރު ސަރަހައްދުންވެސް ހެނދުނު 9:45، 10:00، 10:15، އަދި 10:30ގައި ބަސްތައް އޮންނާނެއެވެ.

އެއާޕޯޓުން ދާ މީހުންނަށް ހާއްސަ ބަސްތައް އޮންނާނީވެސް އެ ހަތަރު ސަރަހައްދުގައި މެންދުރު ކުރި 11:00، 11:15، 11:30، 11:45، އަދި 12:00 ގައި ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެ ދަތުރުތައް ހަމަޖެހިފައި ވާއިރު ފުލުހުން ހާއްސަ ގޮތެއްގައި އެ ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓާނެއެވެ. އަދި ހައްޖުވެރިން ޓެކްސީތަކާ ހަމައަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއާޕޯޓުގައި އޮންނާނެ ކަމަށް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖުމިޝަން އިން މައުލޫމާތުދޭ ކަމަށެވެ.

ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ހުޅުވާލީ އާންމުންނަށެވެ.