ސްރީލަންކާ ފަދައިން ބަނގުރޫޓުވުމަށް މެލޭޝިއާއަށް އޮތީ ވަރަށްވެސް ހަނި ފުރުސަތެއް ކަމަށް މެލޭޝިއާގެ ފައިނޭންސް މިނިސްޓަރު ޓެންގްކޫ ޒަފްރުލް ޓެންގްކޫ އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

މަޖިލިސް މެމްބަރު އަހުމަދު މަސްލާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މެލޭޝިއާގެ މާލީ ވަޒީރު ވިދާޅުވީ، ގައުމު ބަނގުރޫޓު ވާ ފަދަ ނަތީޖާއެއް ނުކުމެދާނެ މައްސަލަތަކެއް މެލޭޝިއާގައި ހުރި ކަމަކަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން އިންޒާރު ކޮށްފައި ނުވާ ކަމަށެވެ.

އެއާ ހިލާފަށް މެލޭޝިއާގެ އިގުތިސޯދު ކުރިއަރާ ދިއުމާ މެދު އައިއެމްއެފްގެ އިތުބާރު އެބައޮތް ކަން އެ އިދާރާއިން ފާހަގަ ކޮށްފައި ވާ ކަމަށްވެސް މެލޭޝިއާގެ މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ވަޒީރު ވިދާޅުވީ، މެލޭޝިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)، 5.75 ޕަސެންޓްގް ރޭޓްގައި ކުރިއަރާ ދިއުމުގެ އިތުބާރު އެ އިދާރާއަށް އޮތް ކަމަށް، އޭޕްރިލް 2022 ގެ ފަހުކޮޅު، އައިއެމްއެފްއިން ބުނެފައި ވާ ކަމަށެވެ.

ސްރީލަންކާގެ އިގުތިސޯދީ މަސްރަހާ އަޅާ ބަލާ ކަމުގައި ވަނީ ނަމަ، ސްރީލަންކާއަށް ވުރެ މެލޭޝިއާގެ އިގުތިސޯދު ވަރުގަދަ ކަމަށާ، އެހެން ކަމުން، ސްރީލަންކާ ފަދައިން މެލޭޝިއާ ބަނގުރޫޓުވުމަށް އޮތީ ވަރަށްވެސް ހަނި ފުރުސަތެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެމްޕީ އަހުމަދު މަލްސާން، މެލޭޝިއާގެ މާލީ ވަޒީރާ ސުވާލު ކުރައްވާފައި ވަނީ، މެލޭޝިއާ ސަރުކާރު ދަރަނިވެރިވެ، ސްރީލަންކާ ފަދައިން މާލީ ގޮތުން މެލޭޝިއާ އިނދަޖެހިދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރަމުން ދިޔަ ވަކާލާތުތަކަކާ ގުޅިގެންނެވެ.

ޖޫން 2022 ނިމުނުއިރު، މެލޭޝިއާއިން ބޭރުގެ ފަރާތްތަކަށް ދަރާފައި ވާ ދަރަނީގެ އަގު އުޅުނީ ގާތްގަނޑަކަށް 6.6 ބިލިއަން ޑޮލަރުގައެވެ.

މެލޭޝިއާގެ މާލީ ހާލަތާ ބެހޭ ގޮތުން ޓެންގްކޫ ޒަފްރުލް ހުސްވި ހަފުތާގައި ދެއްވި ބަޔާނަށް ބަލާއިރު، އެ ގައުމުގެ ސަރުކާރުގެ ދަރަނިވެސް އޮތީ ކޮންޓްރޯލްގެ ދަށުގައެވެ.

މެލޭޝިއާގެ ސަރުކާރަކީ ވަކި ސުލޫކެއް ހިފަހައްޓާ ސަރުކާރެއް ކަމަށާ، އިންޓަރެސްޓްގެ އިތުރުން ހަލާސް ކުރަން ޖެހޭ ދަރަންޏަށް ވާ ފައިސާ ދެއްކުމަށް މެލޭޝިއާގެ ސަރުކާރު ދުވަހަކުވެސް ފެއިލް ވެފައި ނުވާ ކަން، އެ ގައުމުގެ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.