ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، ކަސްޓަމްސް އޮފިސަރުންގެ މަސައްކަތްތަކަށް ދިމާވާ ބައެއް ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އަށް 132 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެއާޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އޮފިސަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެ އިދާރާގެ އިސްވެރިންނާ އެކު މަޝްވަރާކޮޮށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ތަރައްގީކުރަމުންދާ އައު ޓާމިނަލް ބޭނުންކުރަން ފެށުމުން، ކަސްޓަމްސް އަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، މަސްތުވާތަކެތީގެ އިތުރުން، މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފަދަ ކުށްތައް ހިނގައިތޯ ބެލުމަކީ ކަސްޓަމްސްގެ ޒިންމާއެކެވެ. އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި ކަސްޓަމްސްގެ ހިދުމަތުގެ ގާބިލިއްޔަތު އިތުރުކޮށް، ވަސީލަތްތައް ތަރައްގީކުރަން ޖެހޭ ކަމަށާއި، އޭރުން އެފަދަ ކުށްތައް ހުއްޓުވުމުގެ ގާބިލުކަން އިތުރުވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދާދިފަހުން ރައީސް ވިދާޅުވި ގޮތުގައި، ވީއައިއޭގެ އާ ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް އެއާޕޯޓުން ހިދުމަތް ދެވޭނެއެވެ. ވީއައިއޭގައި މިހާރު ހިދުމަތްދެމުންދާ ޓާމިނަލްގައި ޖާގަ ކުޑަވުމުގެ ސަބަބުން ހިދުމަތް ދިނުމުގައި އަދި ހިދުމަތް ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިވެއެވެ. ޓާމިނަލުން ހިދުމަތް ހޯދާ ބައެއް މީހުން އެކަމުގެ ޝަކުވާ ވެސް ކުރެއެވެ.

އަންނަ އަހަރު އާ ޓާމިނަލްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލުން މީގެ ކުރިން ބުނެފައިވެއެވެ. މިދިޔަ މަހު ކުރީކޮޅު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވީ، އަންނަ އަހަރު އާ ޓާމިނަލްގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގައެވެ.