ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ޓެކްސް އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ސަރުކާރުން ނިންމި ނަމަވެސް އެކަންކުރަން ބުއްދިވެރީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ބުނެފިއެވެ.

އައިއެމްއެފްއިން ރާއްޖެއާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައި ބުނީ މި ހާލަތުގައި ޖީއެސްޓީއާއު ޓީޖީއެސްޓީ ޓެކްސް ބޮޑުކޮށް ނެގުމުގެ ބަދަލުގައި 2024 ވަނަ އަހަރު ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން ވެސް ޓެކްސް ބޮޑުކުރަން ބުއްދިވެރީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ހަމައަކަށް އެޅުމުން ކަމަށް އައިއެމްއެފް ވަނީ ބުނެފައެވެ.

އައިއެމްއެފްއިން ބުނީ މަޑުމަޑުން މަރުހަލާތަކަކަށް ބަހާލައިގެން ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށާއި އަދި އޭގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް އިތުރުވުން ގާތް ކަމަށާއި ޓީޖީއެސްޓީ ޓެކްސްއާއި ޖީއެސްޓީ ޓެކްސްވެސް ދުރު މުސްތަގުބަލުގައި އެއް ވަރަކަށް ނެގުމަށް ބާރު އަޅާ ކަމަށެވެ.

މިހާރު ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ޖީއެސްޓީގެ ގޮތުގައި 8 ޕަސެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓް ނަގަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަމަށެވެ.

ޖީއެސްޓީ ނެގުމުގައި އައިއެމްއެފް އިން އިތުރަށް ދިން ލަފާތަކުގެ ތެރޭގައި އޮންލައިން ވިޔަފާރިތަކުންނާއި ޓެކްސީ ފަދަ ހިދުމަތްތަކުން ވެސް ޓެކްސް ނެގޭނެ ނިޒާމެއް އޮތުން ވަރަށް މުހިންމެވެ. އަދި ޓެކްސް ނުނަގާ މުދަލުގެ ފައިދާ ލިބުމުގައި ޕްރޮގްރެސިވް ނުވަތަ އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ބޮޑަށް ފައިދާވާނެ ނިޒާމެއް އޮތުން ވަރަށް މުހިއްމު ކަމަށް ވެސް އައިއެމްއެފް އިން ބުނެއެވެ.