ކެމިކަލުން ތަޣައްޔަރުވެފައިވާ މޭބިސްކަދުރު ރާއްޖެ އެތެރެކޮށްފައި ވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން ބުނީ ޕެސްޓިސައިޑްސް ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރަށް ހުރި އިންޑިއާގެ "ޔޫރޯ ފްރުޓްސް" ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ޕޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަޑް އަންގާފައިވާ ކަމަށެވެ.

އެ އުފެއްދުން އެކްސްޕޯޓް ކޮށްފައި ވަނީ އިންޑިއާގެ "ޔޫރޯ ފްރުޓްސް ޕްރައިވެޓް ލިމިޓެޑް" އިން ކަމަށާއި އެ އުފެއްދުން ހޯލް ސޭލްކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމުގައިވާ "ގްލޯބަލް ގްރީން ޓީމް" އިން ކަމަށް އެމްއެޕްޑީއޭ އިން ބުނެއެވެ.

އެ އޮތޯރިޓީއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ޔޫރޯ ފްރުޓްސް" ބްރޭންޑްގެ "ތޮމްސަން ސީޑްލެސް ގްރޭޕްސް" ގެ ލޮޓް ނަންބަރު: L-21.099 0001 05, GGN: 4049929236608, 4056186631107 ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައެވެ.

އެމްއެފްޑީއޭ އިން މިހެން އެންގި އިރު އެ ލޮޓްގެ މޭބިސްކަދުރު ރާއްޖެގައި ވިއްކަނީ ކޮން ބައެއް ކަމާއި ކޮންތާކު ކަމެއް ބުނެފައެއް ނުވެއެވެ. އެހެން ކަމުން ގްރޭޕްސް ގަންނަ އިރު އާންމުން މިކަމަށް ސަމާލުކަން ދީ އަމިއްލަ ރައްކާތެރިކަން ހޯދުން މުހިންމެވެ.