ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ މަންކީޕޮކްސް ބަލީގެ ކޭހެއް، ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

ސައުދީ އަރަބިއްޔާއިން މަންކީޕޮކްސް ފެނިފައި ވަނީ، ވެރިރަށް ރިޔާދަށް، ގައުމުން ބޭރުން ދަތުރު ކުރި މީހެއްގެ ހަށިގަނޑުން ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ހުއްދަ ދީފައި ވާ ސިއްހީ އިޖުރާއަތުގެ ދަށުން، އެ މީހާއަށް ދޭންޖެހޭ ސިއްހީ ފަރުވާ ދެމުން ދާ ކަމަށެވެ. އަދި އެމީހާގެ ކޮންޓެކްޓުންގެ ހަށިގަނޑުންވެސް ސާމްޕަލް ނަގާ، ޓެސްޓު ކޮށްފައި ވާ ކަމަށާ، ކޮންޓެކްޓުން ހަށިގަނޑުން ބަލީގެ އާލާމާތެއް ނުފެންނަށް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މަންކީޕޮކްސް ބައްޔާ ގުޅިގެން ހިންގަންޖެހޭ މޮނިޓަރިންގްގެ މަސައްކަތްތައް ކުރިއަށް ދާ ކަމުގެ ޔަގީން ކަން ދޭ ކަމަށާ، އާ ކޭސްތައް ފެންނަ ކަމުގައި ވަނީ ނަމަ، ހާމަ ކަން ބޮޑު ގޮތެއްގައި އެ މައުލޫމާތު ހިއްސާ ކުރަމުން ދާނެ ކަމަށްވެސް ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަ ކޮށްފައެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

ސައުދީ އަރަބިއްޔާގައި މަންކީޕޮކްސް ފެތުރެމުން ދާ ކަމުގައި ވަނީ ނަމަ، އެކަމާ ކުރިމަތިލުމުގެ ގާބިލިއްޔަތުކަން އެ ގައުމަށް ލިބިފައި ވާ ކަމުގެ ޔަގީންކަންވެސް ސައުދީ އަރަބިއްޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.

މަންކީޕޮކްސްއަކީ މީގެ ކުރިން އެފްރިކާ ސަރަހައްދަށް އާންމު ބައްޔެއް ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި ފެންނިގެން ރިޕޯޓް ކުރަން ފެށީ، އިނގިރޭސިވިލާތުން މެއި މަހު އެ ފަދަ ރިޕޯޓެއް ކުރި ފަހުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާރު ވަނީ، މަންކީޕޮކްސްއަކީ އެންޑެމިކް ނުވަތަ ވަކި ސަރަހައްދަކަށް ހާއްސަ ވެފައި ވާ ބައްޔެއް ކަމުގައި އޮތް އޮތުން އުވާލާ، މަންކީޕޮކްސް އެންޑެމިކް ގައުމުތަކުގެ ލިސްޓުވެސް އުވާލާފައެވެ.

ނަމަވެސް، މަންކީޕޮކްސްގެ ބަލި އަދި ފެތުރެމުން ދަނީ، ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަރަޖާގައި ނޫން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯއިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މަންކީޕޮކްސް ކަމަށް ކަށަވަރުވެފައި ވާ ކޭސްތަކުގެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ވިލާތުންނެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

މަންކީޕޮކްސް ޖެހުމުގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ހިމެނެނީ ބަލިޖެހިފައި ވާ މީހަކާ ގޭބިސީ ހިއްސާ ކުރުން، ބަލިޖެހިފައިވާ މީހަކާ ޖިންސީ ގުޅުން ހިންގުން ނުވަތަ ހަށި ރައްކަލަށް ބޭނުން ކުރާ (ޕީޕީއީ) އާލާތް ބޭނުން ކުރުމަކާ ނުލާ، (ބަލިޖެހިފައި ވާ މީހާގެ) ތަންމަތި ބަދަލު ކުރުން ފަދަ ކަންކަން ކުރާ މީހުންނެވެ.

މަންކީޕޮކްސް ޖެހުމުން އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، އުނަގަނޑުގައި ރިއްސުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. އަދި ވަރުބަލިވެ، ކަމެއް ކުރާ ހިތްނުވެ މޫޑު ނެތުން ފަދަ އަލާމާތްތައްވެސް އެކުލެވެއެވެ.

ހުންގަނޑު ވިހެލަން ފަށާ ހިސާބުން ބިހިގަނޑެއް ނަގައެވެ. އާންމުކޮށް ފަށާނީ މޫނުންނެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ. އެންމެ ގިނައިން ފެންނަނީ އަތްތިލައިންނާއި ފައިތިލައިންނެވެ. މި ބިހިގަނޑަކީ ވަރަށް ގަދައަށް ހިރުވާ ބިހިގަނޑެކެވެ. އެތައް މަރުހަލާއެއް ކަޑަތު ކުރުމަށްފަހު ފާރުކޮޅަކަށް ބަދަލުވެ، ފާރުކޮޅުގެ މަތިވެއްޓެއެވެ. ފާރުވެއްޖެނަމަ ލަކުނުވެސްލައެވެ. މަންކީޕޮކްސްގެ އިންފެކްޝަންއިން ސަލާމަތްވުމަށް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ.

އާންމުކޮށް މަންކީޕޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގާތުން ކޮންޓެކްޓް ވެގެންނެވެ. ގައިގެ ހަމުގައި ހަލާކުވެފައި ހުންނަ ތަންތަނުންނާއި ނޭވާލުމުގެ ނިޒާމުގެ ތެރެއިން ނުވަތަ ލޯ، ނޭފަތް ނުވަތަ އަނގަފަދަ ގުނަވަންތަކުންވެސް ވައިރަސް އެތެރެވެއެވެ. މިއީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔެއްކަމަށް ސިފަކޮށްފައި ނުވި ނަމަވެސް ގާތުން ކޮންޓެކްޓްވެގެން ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ބަލިޖެހިފައި ވާ ޖަނަވާރުގެ ކިބައިންވެސް ބަލި ފެތުރެއެވެ.

މަންކީޕޮކްސް އާ ބެހޭ މައުލޫމާތު ހިމެނޭ ސްލައިޑެއް

މަންކީޕޮކްސްއަކީ އާންމު ގޮތެއްގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، ހާލު ގޯސްވެ، މަރުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.

މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައި ވަނީ ބަންދުކޮށްގެން ގެންގުޅުނު ރާމާމަކުނެއްގެ ހަށިގަނޑުންނެވެ. 1970ގެ ފަހުން، އެފްރިކާގެ ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މަންކީޕޮކްސްގެ ބަލިމަޑުކަން ފެތުރެއެވެ.

މަންކީޕޮކްސްއަށް ވަކި ފަރުވާއެއް ނޯވެއެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރަނީ އިންފެކްޝަން ހުއްޓުވައިގެންނެވެ. ސްމޯލްޕޮކްސްއިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިނަކީ، މަންކީޕޮކްސްއާ ދެކޮޅަށް 85 ޕަސެންޓް ކާމިޔާބު ވެކްސިނެއްކަމަށް ވާ އިރު، ބައެއް ހާލަތްތަކުގައި އެ ވެކްސިން ބޭނުން ކުރެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށް ސަލާމުވުމަށް ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.