ހުރާވީ ބިލްޑިން ތަޅާލާ، އެތަނުގައި ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް އޮގަސްޓު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިދޭތެރެއިން މޫސުން ގޯސްވުމުގެ ސަބަބުން ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ކުޑަކޮށް މަޑުޖެހިގެން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އެ އިމާރާތް ތަޅާލާ، އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި އަދި މި ޕާކުގެ މަސައްކަތް އޯގަސްޓްމަހުގެ ތެރޭގައި ނިންމާލުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ޕާކު ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިއީ ވެހިކަލްތަކަށް ވެސް ޕާކުކުރެވޭނެ ޖާގައާއެކު ތަރައްގީ ކުރާ ޕާކެއް ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
ހުރަވީ ބިލްޑިންއަކީ 30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އިމާރާތެކެވެ. އެތަނުގައި ޓްރާންސްޕޯޓު އޮތޯރިޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އާއި އިމިގްރޭޝަނުގެ ބައެއްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ޑިޕާޓްމެންޓުތައް ދިޔައީ ހިންގަމުންނެވެ.