ދިވެހިރާއްޖޭގައި ހުންނެވި ތަނެއް އެނގިވަޑައި ނުގަންނަވާނެހެން މިހާރު ހުންނެވި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާއަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދިނީ ފޮރިން މިނިސްޓްރީން ކަން އެނގިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ބޭރު ގައުމުތަކުގެ ރައީސުން ހިމެނިވަޑައިގަންނަވާހެން، އިއްޒަތްތެރިންގެ ދަތުރުފުޅުތަކާ ގުޅޭ ކަންކަމުގައި ހަރަކާތްތެރި ވަނީ ފޮރިން މިނިސްޓްރީން ކަމަށެވެ.

އަދި ރާއްޖެ އެތެރެވާ ފްލައިޓްތަކަށް ޑިޕްލޮމެޓިކް ކްލިއަރަންސް ދެނީ ވެސް ފޮރިން މިނިސްޓްރީ އިން ކަމަށާއި އެއީ ދިފާއީ ވުޒާރާގެ ކަމެއް ނޫން ކަމަށެވެ.

ޑިޕްލޮމެޓިކް އުސޫލުތައް ހުންނަ ގޮތުން، އެއްވެސް ޑިޕްލޮމެޓަކަށްވެސް އަދި ރައީސަކަށްވެސް، އަދި ބޯޓުތަކަށް ވެސް އެއް ގައުމުން އަނެއް ގައުމުގެ ވައިގެ ސަރަހައްދަށް ވަދެވޭނީ، ޑިޕްލޮމެޓިކް ކްލިއަރެންސް ހޯދައިގެންނެވެ. އެހެން ކަމުން މިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ދައުރު ބޮޑެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވާން ނެތް ކަމަށެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، މިމަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވެފައި ވާއިރު، ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ގޮތަބަޔާ ފޯނުން އިސްތިއުފާ ދެއްވާފައި ވާއިރު އިސްތިއުފާގެ ރަސްމީ ސިޓީ ރޭ 12 ޖެހި އިރުވެސް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރުދަނާ އަށް ލިބިވަޑައިގެންފައެއް ނުވެއެވެ.

ރައީސް ކަމުން އިއްޔެ އިސްތިއުފާ ދެއްވާނެ ކަން ގޮތަބަޔާ މީގެ 4 ދުވަސް ކުރިން އިއުލާން ކުރައްވައި އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި ކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް، އެ ސިޓީ މަޖިލީހުގެ ރައީސްގެ އަތްޕުޅަކަށް ނާރުވައެވެ. އޭގެ ބަަދަލުގައި ގޮތަބަޔާ ބެއްލެވީ، ގައުމު ދޫކުރައްވައި ވަޑައިގަންނަވާށެވެ. ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން، ދުބާއީއަށް ވަޑައިގަތުމަށްވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން އޮފިޝަލުން ޕާސްޕޯޓުގައި ތައްގަނޑު ޖަހައިދޭން ދެކޮޅު ހެދުމުން، ވަޑައިގެންނެވީ ރާއްޖެއަށެވެ.

ލަންކާ އެއާފޯހުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، ކަޓުނަޔަކަ އެއާޕޯޓްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއް ހަމަޖެހިގެން ކަމަށެވެ. ލަންކާގެ ކަޓުނަޔަކަ އެއާޕޯޓުން ރައީސް ގޮތަބަޔާ ވަޑައިގަތީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކުގައި ކަމަށް އެއާ ފޯހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ލަންކާގެ ރައީސް ރާއްޖޭގައި ހުންނެވި އިރު، މިއަދު ސިންގްޕޫރަށް ފުރާވަޑައިގަންނަވާ ކަމުގެ ހަބަރުތަކެއްވެސް ފެތުރެމުން އެބަދެއެވެ. ނަމަވެސް މިއީ އަދި ކަށަވަރު ކުރެވިފައިވާ ހަބަރުތަކެއް ނޫނެވެ.