އެމްޑީޕީގެ ހުވަފެންތަކުގައި ކުލަ ޖެހުމުގެ ކުރިން އެ ހުވަފެންތައް ފެނަށް ވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، ލަންކާގައި މިހާރު ހިނގަމުންދާ ކަންތައްތަކަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ޔާމީން ވިދާޅުވީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ޓީވީން ފެންނަ މަންޒަރުތައް ބަލަންޖެހޭ ކަމަށެވެ.

މިގޮތުން ރާއްޖޭގެ ހާލަތަކީ އުފެދެމުން ބޮޑުވަމުން އަންނަ ހާލަތެއް ކަމަށާއި ބޯހަރުކަން އިސްކުރުމުން މިހާލަތު ރަނގަޅު ނުވާނެ ކަން ޔާމީން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެހުވަފެންތައް ފެނަށް ވެފައިވާ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން މިހެން މިދާޅުވެފައި ވާއިރު ލަންކާގެ ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާ އަށް ދިމާވެފައި އޮތް މައްސަލަތަކުން އަރައިގަތުމަށް ތަޖުރިބާ ހުރި ހަރުދަނާ ބޭފުޅަކު ބޭނުން ވާ ކަމަށެވެ. މީގެ އިތުރުން ލަންކާ އަށް ދިމާވެފައިވާ އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކަށް އެ ގައުމުގެ ރައްޔިތުން ފުރިހަމަ ހައްލެއް ހޯދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ލަންކާގައި އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ގައުމުގެ އިގުތިސޯދު މަޑުޖެހިގެން ދިޔަ ވަގުތު، ތެލާއި ގަސް ކާނާ ލިބުން ދަތިވެ ގައުމުގެ އާންމު ހާލަތު ބޮޑުތަނުން ދަށަށް ގޮސް، ބޭނުން ކުރެވޭ ގޮތަށް ހުރި ޑޮލަރުގެ ރިޒާވުވެސް އެކީހެން ހުސްވެ، ބޭހާއި ކާބޯތަކެތި ލިބުމުގައިވެސް އެގައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މި ނުތަނަވަސްކަމުގައި ރައްޔިތުން އުޅޭތާ އެތައް ދުވަހެއްވެފައި ވާއިރު، އާންމު މުޒާހަރާތަކާ ގުޅިގެން އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސައަށް ވެސް އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތެވެ. އޭގެ ފަހުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ އެވެ. ނަމަވެސް ފާއިތުވި 3 ދުވަސް ތެރޭގައި ލަންކާގެ ހާލަތު އިތުރަށް ގޯސްވެ، ރައްޔިތުން ވަނީ ރިޔާސީ ގަނޑުވަރު ވެސް ހިފާފައެވެ. އެތާނގައި ތިބި ރައްްޔިތުން ބުނެފައި ވަނީ، އާ ސަރުކާރެއް އެކުލަވާ ނުލެވެނީސް އެތަން ދޫކޮށް ނުދާނެ ކަމަށެވެ.

މީގެ އިތުރުން ރަނިލް އާއި އާއިލާ ދިރިއުޅުއްވި ގެކޮޅުގައި ރޯކޮށްލައި ބޮޑެތި ގެއްލުންތައް ވެސް ވަނީ ދީފައެވެ. މިކަމާ ގުޅިގެން ރަނިލް ވިދާޅުވީ، އޭނާގެ ގެކޮޅުގައި އެތައް ސަތޭކަ ފޮތެއް ހިމެނޭ ގޮތަށް ހުރި ލައިބްރަރީއާއި 200 އަހަރުވެފައި ހުރި އާސާރީ ކުރެހުންތަކާއި ތަކެއްޗަށް ގެއްލުންދީ އަންދާލާފައި ވާ ކަމަށެވެ.

ތަމަޅައިންނާ ހަނގުރާމަ ކުރި ދުވަސްވަރު ދިފާއީ ވަޒީރަކަށް ހުންނެވި މިހާރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މާދަމާ އިސްތިއުފާ ދެއްވާނެއެވެ. އޭނާ އެކަން އިއުލާން ކުރައްވާފައި ވާއިރު، ރަނިލްވެސް ވަނީ އިސްތިއުފާ ދެއްވާނެ ކަން ހާމަ ކުރައްވާފައެވެ.