ރާއްޖޭގައި މިވަގުތު 1710 ޓީޗަރުން ކިޔަވައިދެމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އެކި ސްކޫލްތަކުގައި މިވަގުތު ތިބީ ޖުމްލަ 1710 ބިދޭސީ ޓީޗަރުން ކިޔަވައިދޭއިރު ބިދޭސީ ޓީޗަރުންގެ ތެރެއިން އެންމެ ގިނަ މީހުން ގެންނަނީ އިނގިރޭސި މާއްދާ ކިޔަވައިދޭށެވެ.

ދެވަނައަށް އެންމެ ގިނައީ ހިސާބު ކިޔަވައިދޭން ގެންނަ ޓީޗަރުންނެވެ.

ބިދޭސީ ޓީޗަރުންގެ ތެރެއިން 1674 ޓީޗަރުންނަކީ އިންޑިއާ ޓީޗަރުންނެވެ. މީގެ އިތުރުން ސްރީލަންކާ 31 ޓީޗަރުން ކިޔަވައިދެމުންދާއިރު އިޖިޕްޓް 3 ޓީޗަރުންނާއި ޖޯޑްން 1 ޓީޗަރަކު އަދި ޕާކިސްތާން 1 ޓީޗަރަކު އަންނަނީ ކިޔަވައިދެމުންނެވެ.

ރާއްޖޭގައި އެންމެ ގިނައީ އިންޑީއާ ޓީޗަރުންނަށް ވާއިރު "އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން ވަނީ އިތުރުވެފައެވެ.

ބިދޭސީ ޓީޗަރުން ހޯދުމަކި ދަތި ކަމަށް ވާއިރު، އަދި ބިދޭސީ ޓީޗަރުން ހޯދަނީ އެ މަގާމަށް ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައި ދިނުމަށް ކަމަށް ވުމުން މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.