ޒަމާނުއްސުރެ ބޭނުން ކުރަމުން އައި އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް ކޮތަޅާ އަޅާ ބަލާއިރު، އެ އުފައްދަން ބޭނުން ކުރާ ފޮއްޗަށް ބަލާއިރު ޓޯޓް ބޭގް ނުވަތަ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ފޮތި ކޮތަޅަކީ އެ އުފައްދާ، ފޯރުކޮށްދީ އަދި އަލުން ބޭނުން ކުރުމަށްވެސް ގިނަ ހަކަތ އަންދާ ޒާތެއްގެ ދަބަހެކެވެ.

ފަހަރެއްގައިވެސް މި ދަންނަވަނީ ޕްލާސްޓިކް ކޮތަޅުގެ މޮޅު ވާހަކައެއް ނޫނެވެ. ޕްލާސްޓިކް ކޮތަޅަކީ އިންސާނުންގެ ސިއްހަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

އެމެރިކާގެ ނޭޝަނަލް ރިސޯސަސް ޑިފެންސް ކައުންސިލުން ހާމަ ކޮށްފައި ވާ ގޮތުގައި ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ކުރިއަށް ބަލާ އިރު، އެމެރިކާގެ އާއިލާއަކުން އެވަރޭޖް ގޮތެއްގައި އަހަރެއްގެ މައްޗަށް، ވިޔަފާރި ކޮށްގެން 1500 އެއްހާ ޕްލާސްޓިކް ކޮތަޅު، ގެއަށް ގެންދެއެވެ. ބަދިގެ ކަބަޑުތަކާއި، ވަތްގަނޑުތަކުގެ އިތުރުން ކުނިވަށިތައް ފުރާލައެވެ.

ފިހާރައެއްގައި ހުރި ކޮޓަން ނުވަތަ ކެންވަސް ޓޯޓް ބޭގްތަކެއް / ފައިލް ފޮޓޯ: ދި އެޓްލާންޓިކް

2021 ވަނަ އަހަރު ނިމުނު އިރު އެ ނަމްބަރުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ވަނީ އައިސްފައެވެ. ނޭޝަނަލް ޖިއޮގްރަފިކް ޗެނަލްއިން ހާމަ ކޮށްފައި ވާ ގޮތުގައި ޑިސެމްބަރު 2018 ގައި އެމެރިކާގެ އާބާދީގެ ކޮންމެ ރައްޔިތަކު ކޮންމެ ދުވަހަކު ޕްލާސްޓިކް ކޮތަޅެއް ބޭނުން ކުރާ ކަމަށް ދައްކައެވެ.

ދެން އޮތީ މިއަދު އެއްލާ ކޮންމެ ކަޅިއަކުން ލޮލުގައި އަޅައިގަންނަ ޓޯޓް ބޭގްގެ ވާހަކައެވެ.

ތިމާވެއްޓާ ބެހޭ އދގެ މަޝްރޫއު (ޔުނެޕް) އިން ބުނާ ގޮތުގައި އަލުން ބޭނުން ކުރެވޭ ގޮތަށް އުފައްދާ ދަބަސްތައް އުފައްދަން ބޭނުން ކުރާ މެޓީރިއަލްތަކުގެ ސަބަބުން، އެ ފަދަ ދަބަހެއް ނައްތާލުމަށް ނުވަތަ އަލުން ބޭނުން ކުރެވޭ ގޮތް ހެދުމަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ޓޯޓް ބޭގްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ހެޔޮ ނިޔަތެއްގައި އުފައްދާ ޓޯޓް ބޭގް ނުވަތަ "ފޮތި" ކޮތަޅުތައްވެސް ޕްލާސްޓިކް ކޮތަޅުތައް ފަދައިން ކަބަޑުތަކާއި ކުނިގޮނޑުތައް ފުރާލާނެ ކަމުގެ ބިރު ބޮޑެވެ.

ވިޔަފާރިކޮށްގެން ޕްލާސްޓިކް ކޮތަޅުތަކެއް ހިފައިގެން ދާ މީހެއް / ފައިލް ފޮޓޯ: ޓީއާރްޓީ ވޯލްޑް

ޓޯޓް ބޭގް އުފެއްދުމަށް އާންމު ގޮތެއްގައި ބޭނުން ކުރާ ފޮއްޗަކީ ނުވަތަ މެޓީރިއަލްއަކީ ތަފާތު އެކި ބާވަތްތައް އަލުން ބޭނުން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ މަރުހަލާތަކެއް ފުރިހަމަ ކޮށް، އެއްކޮށްގެން އުފައްދާފައި ހުންނަ މެޓީރިއަލްއެކެވެ. ޓޯޓް ބޭގްގައި ވަރު ޖެއްސުމަށްޓަކައެވެ. އެ ދަބަހެއްގައި ކަފައިގެ ބާވަތްތައް ހިމެނޭ ކަމުގައި ވަނީ ނަމަ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ވަކިން ބޮޑެވެ. މި ހުރިހާ ކަމަކާއެކުގައިވެސް ތިއީ ޓޯޓް ބޭގް ފޭނެއް ކަމުގައި ވަނީ ނަމަ، ކޮންމެހެންވެސް ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ރަނގަޅު ކަމެއްގައި ހައްދު ފަހަނަ އެޅުން ރަނގަޅުތަ؟

ބައެއް މީހުންނަކީ ފެޝަނާއި ޒަމާނީ ޓްރެންޑްތަކަށް ދީލާލާ ބައެއް ކަމުން، ބައެއް ދިމަދިމާއިން ފެންނަ ޓޯޓް ބޭގްތަކަށް ހިތް އޮންނަނީ ވިއްކާލެވިފައެވެ. ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ ޕްލާސްޓިކް ކޮތަޅު ފަދައިން ފޮތި ކޮތަޅުތައްވެސް ފުނި ޖެހޭ ކަމެވެ. އުކާލަން ބަލާއިރު، ފޮތި ކޮތަޅު ނުވަތަ ޓޯޓް ބޭގްތައް ނައްތާލަން ވަކި އިންތިޒާމެއް ކަނޑައަޅާފައެއް ނޯވެއެވެ.

ކަން މިހެން އޮތް ނަމަވެސް ވިޔަފާރިތައް އިޝްތިހާރު ކުރުމާއި އެނޫންވެސް އެކި ބޭނުންތަކަށް ތައްޔާރުކޮށްފައި ހުންނަ ފޮތި ކޮތަޅާއި ޓޯޓް ބޭގްތައް ދަނީ ފުނިޖެހެމުންނެވެ. ކުނި ވަށިގަނޑުތަކުން ފެށިގެން ދެންވެސް ބަލާލި ކޮންމެ ދިމާއަކުންވެސް ފޮތި ކޮތަޅެއް ނޫނީ ޓޯޓް ބޭގެއް އެއްލާލާފައި އޮއްވާ ނުފެނިދާނީ މަދު ފަހަރަކުއެވެ.

ޓޯޓް ބޭގްއާއި ނުލާ ނުއުޅެވޭ ހިސާބަށް އަދުގެ ކަންކަން ގޮސްފައި ވާ އިރު، އެކަކު އަނެކަކަށް ޓޯޓް ބޭގް ހަދިޔާ ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން ބުއްދިވެރި ކަމުގައި ދެކެމެވެ. ފިހާރަ ފަދަ ތަންތަނުގައި ޓޯޓް ބޭގް އެއްކުރާ ބިންތައް ބެހެއްޓިދާނެއެވެ. އޭރުން ކުއްލިއަކަށް ކޮށްލަންޖެހޭ ވިޔަފާރިތަކުގައި އާ ކޮތަޅަކަށް ފައިސާ ނުދައްކާ ފަރުވެސް ޖެހުނީއެވެ.

އަލުން ބޭނުން ކުރުމުގެ މަންފާ ލިބިގަތުން

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި ކޮޓަން ފޮތީގެ ދަބަހެއް އުފައްދަން ހޭދަ ކުރި ހަކަތަ އަތުލުމަށް، 327 ފަހަރު އެއް ދަބަހެއް ބޭނުން ކުރަން ޖެހެއެވެ. ކަރުދާސް ކޮތަޅެއް 7 ފަހަރު ބޭނުން ކުރަން ޖެހޭ އިރު، ޕްލާސްޓިކް ކޮތަޅެއް 2 ފަހަރު ބޭނުން ކުރުމުން ހަކަތައިގެ އަގު ހަމަވެއެވެ. އެޓްލާންޓިކުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ކޮޓަން ފޮޓީގެ ޓޯޓް ދަބަސްތަކަކީ، ދުނިޔެ ހޫނުވުމަށްވެސް މަގު ފަހި ކުރުމުގެ މޭސްތިރިއެކެވެ.

މަހުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް އަޅާ ޓޯޓް ބޭގްތަކުގައި ޖަރާސީމު އަށަގަންނަ މިންވަރު އިތުރުވޭ / ފައިލް ފޮޓޯ: ޓްވިޓާ

ފޮތި ކޮތަޅު އުފައްދަން ހޭދަ ކުރާ ހަކަތައިގެ އަގު، އޭގެ އެންމެ ފުރިހަމައަށް ވަޒަން ކުރެވެން އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ވީހާވެސް ގިނައިން އެއް ކޮތަޅެއް ބޭނުން ކުރުމެވެ.

ބެކްޓީރިއާ ހާލި

އަހާލަން ކިތަންމެ ހިތްދަތިވި ކަމުގައި ވީ ނަމަވެސް މިއީ އަހަންޖެހިފައި އޮތް އަޑެކެވެ. ޓޯޓް ބޭގްއަކީ އާންމު ގޮތެއްގައި ގޭބިސީއަށް ވިޔަފާރި ކުރަން ބޭނުން ކުރާ ދަބަސް ނުވަތަ ކޮތަޅުތަކަކަށް ވާ އިރު، އެއީ ކާބޯތަކެތީގައި އުފެދޭ ބެކްޓީރިއާގެ ހާއްޔެކެވެ. އެ ކޮތަޅަކީ މަހުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީ އުފުލަން ބޭނުން ކުރާ ކޮތަޅެއް ނަމަ ބެކްޓީރިއާގެ ތަޣައްޔަރު ކަން އޭގެ އިންތިހާއެވެ.

ޔުނިވާސިޓީ އޮފް އެރިޒޯނާއިން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ސާމްޕަލް ނެގި ކޮތަޅުތަކުގެ 2 ބައިކުޅަ 1 ބައި ކޮތަޅުގައި ކޮލިފޯމް ބެކްޓީރިއާ އަށަގެންފައި ހުއްޓެވެ. އޭގެ ތެރޭގައި އީ-ކޮލައި ބެކްޓީރިއާވެސް ހިމެނެއެވެ. އަދި 97 ޕަސެންޓް މީހުން ވަނީ، އެމީހުން ގެންގުޅޭ ފޮތި ދަބަސް ނުދޮންނަ ކަމަށްވެސް އިއުތިރާފުވެފައެވެ.

އެހެން ކަމުން، އެކި ބޭނުންތަކަށް ގެންގުޅޭ ފޮތި ކޮތަޅުތައް ގަވައިދުން ދޮވުމަށް ސަމާލުކަން ދޭން ޖެހެއެވެ. ހަފުތާއަކު އެއް ފަހަރު ނުވަތަ ވިޔަފާރި ކޮށް ނިންމާލާފައި އަންނަ ކޮންމެ ފަހަރަކުވެސް ދަބަސް ނުވަތަ ކޮތަޅު ދޮންނަން އާދަ ކުރަން ޖެހެއެވެ. އަދި މަހުގެ އުފެއްދުންތަކާއި މޭވާއާއި ތަރުކާރީއާއި އެނޫންވެސް ބާވަތްތައް ވަކި ވަކި ކޮތަޅަށް އަޅަން ހާއްސަ ކުރެވިދާނެއެވެ. ކޮތަޅު ރައްކާ ކުރުމުގައިވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. މާ ބޮޑަށް ހޫނުވެ، އުދާސްވާ ތަންތަނުގައި ކޮތަޅު ނުވަތަ ދަބަސް ރައްކާ ކުރާ ކަމުގައި ވަނީ ނަމަ، ބެކްޓީރިއާ އުފެދުމަށް ފުރުސަތު ބޮޑެވެ. އެހެން ކަމުން، އާންމުކޮށް ހިނގާބިނގާވެ އުޅޭ، ހާމަ ތަނެއްގައި ޓޯޓް ބޭގް ރައްކާ ކުރުން މުހިންމެވެ.

ވިޔަފާރިތައް އިޝްތިހާރު ކުރުމަށް ގިނަ އަދަދަކަށް ޓޯޓް ބޭގް ނުވަތަ ފޮތި ކޮތަޅު ބޭނުން ކުރޭ / ފައިލް ފޮޓޯ: ދަ ވާޖް

ގައިން ގައަށް އަރާ ބަލިތައް

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފަދަ ބަލިމަޑުކަމެއްގައި އުޅޭ މި ފަދަ ދުވަސްވަރެއްގައި ޓޯޓް ބޭގް ހިފައިގެން ވިޔަފާރި ކުރުމުގެ ވާހަކަ ޕްރޮމޯޓް ކުރާއިރު، ހިދުމަތް ދޭ ފަރާތުން ސަމާލުވާން ޖެހޭ ކަންތައްތަކެއްވެސް އެބަ ހުއްޓެވެ. އެއް ކަސްޓަމަރެއްގެ ދަބަހުގައި އަތް ލެވި، ރަނގަޅަށް އަތް ސާފު ނުކޮށް، ދެވަނަ ކަސްޓަމަރެއްގެ ދަބަހުގައި އަތް ލެވިގެން ބަލި ފެތުރުމަށް ފުރުސަތު ބޮޑުވެއެވެ.

އެހެން ކަމުން، ކަސްޓަމަރު އަމިއްލަ އަތުން ކޮތަޅަށް އެއްޗިހި އެޅުމަށް ހިތްވަރު ދެވިދާނެއެވެ. ނުވަތަ ދެ ކަސްޓަމަރުންގެ ދެމެދު، ފިހާރައިގެ މުވައްޒަފު އަތް ސާފު ކުރަން ހަނދާން ބަހައްޓަން ޖެހެއެވެ.

މި ދެންނެވި ވާހަކަ ހުލާސާކުރާ ކަމުގައި ވަނީ ނަމަ ދަންނަވަން ޖެހޭ ވާހަކައަކީ، ތިމާވެއްޓާ ރައްޓެހި ކޮތަޅާއި ދަބަސް ބޭނުން ކުރާ ނަމަ، އެކަން ކުރަން އޮންނަ ފުރިހަމަ ގޮތުގައި ކުރަން ޖެހޭ ވާހަކައެވެ. ކޮޓަން ފޮތި ނުވަތަ ރިޔާ/ކެންވަސް ފޮތީގެ ޓޯޓް ބޭގް 327 ބޭނުން ކުރާށެވެ. ނޫނީ އެންމެ ފަހަރަކުވެސް ބޭނުން ކުރަން ނުއުޅޭށެވެ. އެފަދަ ކޮތަޅެއް، ދެތިން ފަހަރު ބޭނުން ކުރުމަށްފަހު އެއްލާލުމުން، ތިމާވެއްޓަށް އެ ކޮށްދެވެނީ ހެޔޮ ކަމެއް ނޫނެވެ.