މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާއި މިނާގައި ބައްދަލު ކުރައްވައި އެފަރާތްތަކުގެ ހާލުއަހުވާލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮޅުން ފިލުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ހައްޖުވެރިންގެ ހާލު ބައްލަވައިލެއްވުމަށް ރައީސް ސޯލިހު ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ވަޑައިގެންނެވި ކަމަށެވެ.

މިއަހަރު ރާއްޖެއިން 453 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާއިރު ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު 1 މިލިއަން މީހަކަށް ދީފައިވާއިރު މިއީީ ކޮވިޑް-19ގެ ބަލިމަޑުކަޑުކަމަށް ފަހު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ.