ސްކްރީންތަކުގެ ކުރިމަތީގައި ކުދިން ވަގުތު ހޭދަ ކުރާ މިންވަރާ މެދު ގިނަ ބެލެނިވެރިންނާއި މައިންބަފައިން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު، އޭނާގެ ދަރިފުޅު ޓެބްލެޓް ނަގާ ހިސާބުން ކެލްސީ ސިހާނޫރާތަށް ލިބެނީ ހިތްހަމަޖެހުމެކެވެ.

މިހާރު އުމުރުން 13 އަހަރު ފުރިފައިވާ އެ ދަރިފުޅު ނުވަތަ އޮވެއިންއަކީ އެޓޭންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ކުއްޖެއްކަން އެންމެ ފުރަތަމަ ދެނެގަނެވުނީ، އެ ދަރިފުޅު ޕްރީ ސްކޫލްގައި އުޅުނު އިރުއެވެ. އޭގެ ފަހުން އޮވެއިންގެ އާއިލާއިން ދަނީ ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް އޮވެއިންއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޭނާއަށް ބޭނުންވާ އޮކިއުޕޭޝަނަލް ތެރަޕީ ގަވައިދުން ހޯދާ ދެމުންނެވެ.

ކުޑަކުދިން- މާދަމާ މިގައުމުގެ ހުންގާނުގައި ހިފަން ތިބި ކުދިން

އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ބޭސްފަރުވާގެ ތެރެއިންވެސް އޮވެއިންއަށް ލުއި ހޯދާ ދެވޭތޯ އޭނާގެ އާއިލާއިން މަސައްކަތް ކުރިއެވެ. ނަމަވެސް ބޭހުގެ ސަބަބުން އޮވެއިންއަށް މައިގްރޭންގެ އުނދަގޫ ބޮޑުވެ، ބަލިވާން ފެށިއެވެ.

އޭޑީއެޗްޑީ ވެގެން ދިޔައީ އޮވެއިންގެ ސްކޫލް މަސައްކަތަށްވެސް އެޅެމުން ދިޔަ ހިޔަންޏަކަށެވެ. ކެލްސީ އުއްމީދު ކުރަމުން ދިޔައީ އޭނާގެ ދަރިފުޅަށް ކުރިއަށް ދެވޭނެ އިތުރު މަގުތައް ފެނޭތޯއެވެ. އުއްމީދު ކަނޑައެއް ނުލައެވެ.

"ކަންކަމަށް ސަމާލުކަން ދީގެން ނީނދެވެނީ ކީއްވެކަން އެ ދަރިފުޅު ވިސްނާ، ބޯގޮއްވާ މަންޒަރު އަހަރެންނަށް ފެނޭ. ކިތަންމެ މަސައްކަތް ކުރިއަސް، އެހެން ދިމަދިމާއަށް ސަމާލުކަން ބަދަލުވާތީ އެ ދަރިފުޅު ނުތަނަވަސްވާ މަންޒަރުވެސް ފެނޭ. އެ މަންޒަރު ފެނި، އަހަރެންގެ ހިތް ކުދިކުދި ވޭ. ފިތިފަ ހުންނަ އިހުސާސެއް ކުރެވެނީ. އެއްވެސް ބޭނުމެއް ނެތް ކަމުގެ އިހްސާސް ކުރެވޭ" ކެލްސީ، އޭނާގެ ހިތުގެ ޝުއޫރުތައް ހާމަ ކުރިއެވެ.

އެހީ އައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. "އެންޑެވާއާރްއެކްސް" ނަމަކަށް ކިއާ ކޮމްޕިއުޓާ ގޭމެއްގެ ގޮތުގައެވެ.

އެންޑެވާއާރްއެކްސް ގޭމްގެ މަންޒަރެއް / ފައިލް ފޮޓޯ: ޕީސީ ގޭމާ

އެ ގޭމަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރުމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދިން ފުރަތަމަ ގޭމެވެ. އެއީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

"އެންޑެވާއާރްއެކްސް" މިވަގުތު ލިބެން ހުރީ އެމެރިކާގައެވެ. އެވެސް ޑޮކްޓަރުގެ ބޭސް ސިޓީއަކަށް އެކަންޏެވެ.

ބަލާ ބެލުމަށް "އެންޑެވާއާރްއެކްސް" އާ، އެހެން ވީޑިއޯ ގޭމްތަކާ މާ ބޮޑު ތަފާތުތަކެއް ނުހުރެއެވެ. ގޭމުން ފެނިގެންދަނީ އެއްޗެހިތަކެއް ހޮވަން، އެކިއެކި ގުރަހާގައި އުޅޭ އޭލިއަނުންތަކެއް ކޮންޓްރޯލް ކުރާ މަންޒަރެވެ.

އެޕެއް އަޅައިގެން ކުޅޭ "އެންޑެވާއާރްއެކްސް" ފަރުމާ ކޮށްފައި ވަނީ ނިއުރޯސައެންޓިސްޓުންގެ ބައިވެރިވުމާ އެކުގައެވެ. ކަންކަމަށް ސަމާލުކަން ދިނުމަށް ސިކުނޑިން މަސައްކަތް ކުރާ ބަޔަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ގޮތް ގޮތަށެވެ.

މަގުސަދަކީ ގޭމް ކުޅެމުންދާ ކުއްޖާއަށް، އެއް ވަގުތެއްގައި އެއް ކަމަށް ވުރެ ގިނަ ކަންތައް ކުރެވޭނެ ވަރުގެ ގާބިލިއްޔަތުކަން ހޯދާ ދިނުމެވެ. އަދި ސަމާލުކަން ގެއްލުވާލާ ފަދަ ކަންކަމާ އަޅާ ނުލާ ދޫކޮށްލާނެ އުކުޅުތައް ދަސްކޮށްދިނުމެވެ. ގޭމްގެ ފަސޭހަ ކަމާއި އުނދަގޫކަން ބަރޯސާ ވަނީ ކުއްޖާގެ ގާބިލިއްޔަތުކަން ހުރި މިންވަރެއްގެ މައްޗަށެވެ.

ގޭމްގެ ހަބަރު ލިބުމުން ކެލްސީއަށްވެސް ދެވަނަ ވިސްނުމަކަށް ދެވޭ ގޮތްވިއެވެ. ނަމަވެސް ދަރިފުޅަށް ލުޔެއް ހޯދާ ދިނުމަކީ އެ މަންމަގެ އެންމެ ބޮޑު މަގުސަދެވެ. 2020 ވަނަ އަހަރު ނިމެން ދަނިކޮށް، "އެންޑެވާއާރްއެކްސް"ގެ 3 މަސް ދުވަހުގެ ޕްރޮގްރާމެއް އޮވެއިން ފެށިއެވެ. ކޮންމެ ދުވަހަކުވެސް 25 މިނެޓް ވަންދެން "އެންޑެވާއާރްއެކްސް" ކުޅެއެވެ. އޭގެ ފަހުން 2021 ވަނަ އަހަރުވެސް އެފަދަ ޕްރޮގާމެއްގައި ބައިވެރިވިއެވެ.

ކޮންމެ ސެޝަނެއް ނިންމާލުމަށްފަހު އޮވެއިންގެ އުޅުމާ ގުޅޭ މައުލުމާތު، އެކަމަށް ހާއްސަ އެޕެއްގައި ކެލްސީ ރައްކާ ކުރެއެވެ. އިސާހިތަކު ހެޔޮ ބަދަލުތައް ފާހަގަ ވާން ފެށިއެވެ. ސްކޫލަށް ދާން ތައްޔާރުވުމާ ހިސާބުން ފެށިގެން ބަދަލުތައް ފާހަގަ ކުރެވުނެވެ. މުދައްރިސުންގެ ފަރާތުންވެސް އެދެވޭ ބަސްތައް ލިބެން ފެށިއެވެ. 5 ވަނަ ގުރޭޑުގައި ފެއިލްވި އޮވެއިންގެ ރިޕޯޓް ކާޑުން "އޭ" އާއި "ބީ" ގުރޭޑް ފެންނަން ފެށިއެވެ.

"އެންޑެވާއާރްއެކްސް" ފަރުމާ ކުރި ޓެކް ކުންފުނި، އަކީލީގެ ޗީފް އެގްޒެކެޓިވް އެޑީ މާޓުއްޗީ ވިދާޅުވީ، ގޭމް ފަރުމާ ކޮށްފައި ވަނީ، ވިސްނުމުގެ ގާބިލިއްޔަތުކަން ކުރިއެރުވުމަށް ކަމަށެވެ. ބޭހެއް ކައިގެން އެފަދަ ކަމެއް ބަދަލު ކުރުމަކީ ދަތި ކަމެއް ކަމަށާ، ނަމަވެސް ދެވޭ ޖިސްމާނީ ފަރުވާއަކުން ސީދާ އަސަރުތައް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޯނު ހިފައިގެން އިން ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ސްމާޓް ޕްރޮޓެކްޓ

އަކީލީއިން މިހާރު އަމާޒު ހިފާފައި ވަނީ ވިލާތުގެ ގައުމުތަކަށް "އެންޑެވާއާރްއެކްސް" ތައާރަފު ކުރުމަށެވެ.

އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)އަކީ ސިއްހީ ހާލަތަކެވެ. މި ހާލަތު މެދުވެރިވުމުން ކަންކަމަށް ސަމާލުކަންދެވުމަށް އުނދަގޫވެއެވެ. އެއްތާ މަޑުން އިނުމަށް އުނދަގޫވާގޮތްވެއެވެ. ކަމެއް ކުރުމުގެ ކުރިން ވިސްނާލެވޭ ގޮތެއް ނުވެއެވެ. ވަކި ކަމަކަށް ސަމާލުކަން ދީގެން ގިނަ ވަގުތު އިނުމަށް އުނދަގޫވެއެވެ. އޭޑީއެޗްޑީގެ އެންމެ އަލަމާތްތަކުގެ ތެރޭގައި "ހަލަނި"ކަމާ، ކުއްލިކުއްލި "އައްސިއަރާއޭ" ބުނާ އުސޫލުން އުޅެވޭ ގޮތްވުން ހިމެނެއެވެ.

އޭޑީއެޗްޑީއަށް ކުއްޖާ ޑައެގްނޯޒް ކުރަނީ ގިނަ ޓެސްޓުތަކެއް ހެދުމަށް ފަހުގައެވެ. ނަފްސާނީ އިލްމުގެ ރޮނގުން ސަނަދެއް އޮތް ކޮންމެ މީހަކީ މި ނިންމުން ނިންމޭނެ މީހެއް ނޫނެވެ. ކަމާބެހޭ އިދާރާތަކުން ދޫކޮށްފައި އޮންނަ ސިއްހީ ހިދުމަތްތެރިންގެ ލައިސަންސް އޮތުން ލާޒިމެވެ. އެ ނޫން މީހެއްގެ ބަހަކަށް ދަރިފުޅަށް އަދު ދެވޭ "ފަރުވާ"އަކުން އެދަރިފުޅާ ތިބާގެ މުސްތަގުބަލު ބަނަވުން އޮންނާނީ މާ ދުރުގައި ނޫންކަންވެސް ގަބޫލުކުރަންޖެހެއެވެ.