ސިކުނޑިއާއި ޖިސްމާނީ ތަރައްގީއަށް ގޮންޖެހުންތަކެއް ކުރިމަތިވެ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ކުރަމުންދަނީ، އެނޫން މީހުންނާ އަޅާ ބަލާއިރު އާދަޔާ ހިލާފު ބޮޑު އަސަރެއް އަސަރެއް ކަމަށާ، މި ހާލުގައި ތިބި މީހުންނަކީ ވަކި ހާއްސަ އަޅާލުން ބޭނުންވާ ބައެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުންގެ ގުރޫޕަކުން ބުނެފިއެވެ.

ވޮޝިންގްޓަން ޔުނިވާސިޓީގެ ޑިވަލޮޕްމަންޓް ޑިސްއޭބިލިޓީޒް ރިސާޗް ސެންޓަރުގެ ޑައިރެކްޓާ ޑރ ޖޯން ކޮންސްޓަންޓީނޯއާއި، އެހެން މުއައްސަސާތަކެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރުންގެ ގުރޫޕަކުން ކުރި ދިރާސާ ބުނާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކޮންމެހެން ބޭނުންވި އަސާސީ އެހީތަކެއް ހުއްޓުމަކަށް އައި ކަމަށެވެ. މި އެހީއަކީ އަމިއްލަ ނަފްސުގެ ހާލައިގެ ކުރިއަށް ދިއުމަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާ އެހީއެއް ކަމަށްވެސް ތަޖުރިބާކާރުންގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

އިންޓަނެޓް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަކީ ހުރިހާ ވަގުތެއްގައި، ހުރިހާ އެންމެނަށް ފައިދާ ކުރަނިވި ހައްލެއް ނޫން ކަމަށާ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރޭގައި، އަމިއްލަ ނަފްސު ވައިރަހުން ދިފާއު ކުރާނެ ގޮތް ފަހުމް ނުވާ މީހުން ގިނަ އަދަދަކަށް އުޅޭ ކަމަށް ތަޖުރިބާކާރުންގެ ޓީމުން ފާހަގަކުރެއެވެ.

އެމެރިކަން ޖާނަލް އޮފް ސައިކޭޓްރީއަށް ފޮނުވި ސިޓީއެއްގައި ތަޖުރިބާކާރުންގެ ގުރޫޕުން ބުނީ، ސިކުނޑިގެ ތަރައްގީއާއި ޖިސްމާނީ ހެދިބޮޑުވުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަކީ މި ބަލިމަޑުކަމުގައި، އެނޫން މީހުންނާ އަޅާ ބަލާއިރު އިންތިހާއަށް އެކަހެރި ކުރެވިފައިވާ ބައެއް ކަމަށެވެ. މި އެކަހެރިކުރުން އިންތިހާއަށް ދެމިގެން ދިއުމާއެކު، މި އާބާދީގެ ހާލަތު އިތުރަށް ނާޒުކުވެފައިވާކަމަށް ތަޖުރިބާކާރުންގެ ގުރޫޕުން ބުނެއެވެ.

މިކަމަށް ހައްލެއް ހޯދުމަކީ އެންމެ ހާއްސަ ސަމާލުކަމެއް ދޭންވީ ކަންތައް ކަމަށާ، ނަމަވެސް ސީދާ ގޮތުން މިފަދަ ފަރާތްތަކަށް ހިދުމަތްދޭ މީހުންނަކީ، އަމިއްލަ މީހާއާއި ކްލަޔަންޓްވެސް ކޮވިޑް-19ގެ ނުރައްކަލުން ރައްކާތެރި ވެފައިވާކަން ކަށަވަރު ކޮށްދޭން ވާނެ ބައެއް ކަމަށްވެސް ތަޖުރިބާކާރުންގެ ޓީމުންވަނީ ގޮވާލާފައެވެ.