ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އެރުމަކީ ހިސާބު އަދަދުތަކުން ބަލަނީނަމަ ފާހަގަކޮށްލެވޭ ނަމްބަރެއް ކަމަށާ، ނަމަވެސް އެންމެންގެ ފިކުރު އަމާޒު ކުރަންވީ އެ އާބާދީގައި ހިމެނޭ މީހުންގެ މައްޗަށް ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް އިތުރަށް ވިދާޅުވީ، ގަދަ ހިތްމަތުން ދުނިޔެ ބިނާ ކުރުމުގެ މަސައްކަތް ކުރަމުން ދާ އިރު، މި ދުނިޔޭގައި 8 ބިލިއަން މީހުން ތިބުމަކީ، އަބުރުވެރި ދިރިއުޅުމެއް އުޅެ، އަމާޒުތަކަށް ވާސިލުވުމަށް އޮތް 8 ބިލިއަން ފުރުސަތު ކަމަށެވެ.

ދުނިޔޭގެ އާބާދީ ދުވަހާ ބައްދަލު ކޮށްފައިވާ މި ދަނޑިވަޅަކީ މި ދުނިޔޭގެ އާބާދީއަށް 8 ބިލިއަން ވަނަ މީހާ އުފަންވާ ތާރީހީ މުނާސަބާއާ ބައްދަލު ކުރާ ދަނޑިވަޅު ކަން ގުޓެރޭޒްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ޖުލައި 11، 2022 ވަނަ ދުވަހުގެ ހެނދުނު، ރާއްޖެ ގަޑިން 07:00ގެ ނިޔަލަށް އެކަނިވެސް ދުނިޔޭގެ އާބާދީ ވަނީ 7.9 ބިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

މި މުނާސަބު ދަނޑިވަޅަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ސިންދަފާތީ މުއްސަނދިކަމާއި، ސިއްހީ ނިޒާމުގެ ތެރެއިން ހޯދިފައި ކުރިއެރުންތައް ފާހަގަކޮށް، ވިހެއުމުގެ ތެރޭގައި މައިންނާއި އަލަށް އުފަންވާ ކުދިން މަރުވާ ރޭޓް ދަށް ކުރެވިފައި ވާ ކަންވެސް އުފަލާއެކު ފާހަގަ ކުރަން ވީ ދަނޑިވަޅެއް ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު އެންމެ ފުރިހަމަ މަންޒިލަށް ވާސިލު ނުކުރެވިގެން އުޅޭ ކަންކަމާ މެދު ވިސްނަންވީ ވަގުތު ކަމަށްވެސް ގުޓެރޭޒްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އިތުރުން، މޫސުމީ ކާރިސާތަކާއި، ހަނގުރާމައާއި ކުރިމަތިލުންތަކުގެ އިތުރުން، އިންސާނީ ކާރިސީ ކުއްލި ނުރައްކާތަކާއި، ބަނޑަށް ޖެހުމާއި އިންތިހާ ފަގީރު ކަމަކީ މިއަދު ދުނިޔެ ތަހައްމަލު ކުރަމުންދާ ވޭންތަކެއްކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މި މޭރުމުން މެސެޖު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވަނީ، އަންނަން އޮތް ޖީލުތަކަށް ދުނިޔެ ގެންގޮސްދިނުމަށްޓަކާ އެންމެންގެ މެދުގައި ހަމަހަމަ ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާ، އިސްތިގުލާލު ނެގެހެއްޓުމަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ އާބާދީ 1 ބިލިއަނަށް އެރުމަށް އެތައް ސަތޭކަ ހާސް އަހަރެއް ނެގިއިރު، ދެން ޖެހިގެން އައި 200 އެއްހާ އަހަރު ދުވަހުގެ ތެރޭގައި އެ އާބާދީ 7 ގުނަ އިތުރުވިއެވެ. ދުނިޔޭގެ އާބާދީ 7 ބިލިއަނަށް އެރީ 2011 ވަނަ އަހަރުއެވެ. މި އަހަރު ތެރޭގައި ދުނިޔޭގެ އަބާދީ 8 ބިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައި ވާ އިރު، 2030 ވަނަ އަހަރު އަންނަ އިރު ދުނިޔޭގެ އާބާދީ، 8.5 ބިލިއަނަށް އަދި 2050 ވަނަ އަހަރު އަންނަ އިރު 9.7 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. 2100 ވަނަ އަހަރު ދުނިޔޭގެ އާބާދީ އުޅޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 10.9 ބިލިއަނުގައެވެ.

ދުނިޔޭގެ އަދުގެ އާބާދީއަށް ބަލާއިރު، އެންމެ އާބާދީ ބޮޑީ ޗައިނާގައެވެ. ޗައިނާގެ އާބާދީ 1.45 ބިލިއަނަށް ވުރެ މައްޗަށް އަރާފައި ވާ އިރު، ލިސްޓުގެ 2 ވަނާގައި އޮތީ 1.40 ބިލިއަން މީހުންނާއެކު އިންޑިއާއެވެ. އިންޑިއާއާ އެންމެ ގާތުން ދެން އާބާދީ ބޮޑީ 334 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮތް އެމެރިކާއެވެ. ދިވެހިރާއްޖޭގެ އާބާދީ އުޅެނީ 5 ލައްކަ 40 ހާހަށް ވުރެ މަތީގައެވެ.