ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ގެކޮޅުގައި ރޯކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރިކުރައްވައިފިއެވެ.

މިވަގުތު ލަންކާ އަށް ދިމާވެފައިވާ އިގްތިސޯދީ އަދި ސިޔާސީ މައްސަލަތަކާ ގުޅިގެން އާންމުން މަގުތަކަށް ނިކުމެ ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ އެތައް ބަޔަކު ކޮޅުނބަށް ވަދެ، އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ގެކޮޅު ހިފާފައި ވާއިރު، ރަނިލްގެ ގެކޮޅުގައި ވަނީ ރޯކޮށްލައި ފައެވެ.

ލަންކާގެ އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް އެ ގައުމުން ކަނޑައަޅާފައިވާ މަންދޫބު ކަން ވެސް ކުރައްވާ ނަޝީދު، ރަނިލްގެ ގެކޮޅުގައި އަލިފާން ރޯކޮށްލުން ކުށްވެރި ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ:

  • ލަންކާގެ ހާލަތު ރަނގަޅު ކުރުމަށް ރަނިލް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް
  • ރަނިލް މަގާމާ ހަވާލުވިތާ އަދި މާ ގިނަ ދުވަހެއް ނުވާ ކަމަށް
  • ރަނިލްގެ ގެކޮޅު އަންދާލުމަކީ ލަންކާގެ މައްސަލަތަކަށް އޮތް ހައްލެއްނޫން ކަމަށް

އޭގެ ކުރިން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، ލަންކާ އަށް މިހާރު ދިމާވެފައިވާ އިގްތިސޯދީ އަދި ސިޔާސީ އަޑިގަނޑުން އަރައިގަނެވޭނީ ތަޖުރިބާ ހުރި ހަރުދަނާ ބޭފުޅެއްގެ އެހީތެރިކަމާ އެކުގައެވެ. އަދި އެ ގައުމުގެ ރައްޔިތުން އެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ލަންކާ ބަންދުކޮށްފައި އޮއްވާ ބޯމަތިވި މި އިގްތިސޯދީ ކާރިސާގެ ސަބަބުން ގައުމުގެ އާންމު ރައްޔިތުންގެ ރުޅިވެރިކަން ވަނީ ކޮޅުންލައިފައެވެ.

އިއްޔެ ރިޔާސީ ގަނޑުވަރަށް އާންމުން ވަދެ އެތަނުގެ ސްވިމިން ޕޫލުގައި ފަތައި، އެކި ކޮޓަރިތަކަށް ވަދެ އަންނައުނާއި އެހެނިހެން އެއްޗެހި ހާވައި ހަދާފައި ވެއެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އާއިލާ ދިރިއުޅުއްވާ ގެކޮޅަށް ވަދެ އެތާ ހުޅުޖަހައި ވަނީ ރޯކޮށްލާފައިފައެވެ.

ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ދަތިކަމާ ހުރެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި އިއްޔެ، ރިޔާސީ ގަނޑުވަރަށް ވަދެގެންފައި ވަނިކޮށް އިސްތިއުފާ ދެއްވަން ނިންމަވައިފި ކަމަށް އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވަނީ ވިދާޅުވެފައެވެ.