ޕްލާސްޓިކް ކޮޓަލު ބޭނުންކުރާ މިންވަރު މަދުކުރުމަށް އެސްޓީއޯއަށް ވިޔަފާރި ކުރަން ދާ މީހުން "ޓޯޓް ބޭގް" ގެންދިއުމަށް އިލްތިމާސް ކޮށްފިއެވެ.

އެސްޓީ އޯއިން ބުނި، މި ގޮތަށް ނިންމީ، ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް ކަމަށާއި ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ކޮންމެ ކަސްޓަމަރެއް ވެސް ގެންނަން ވާނެ ކަމަށެވެ. އެސްޓީއޯ އިން ކުރާ ވިޔަފާރި ތަކަށް އެތަނުން އެއްޗެހި އަޅާ ކޮތަޅަށް ޗާޖް ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ގޮތުން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެސްޓީއޯން ވިޔަފާރު ކުރާ ތަކެތި އަޅާ ކޮތަޅަށް ޗާޖް ކުރާނެ އަގުތައް ހާމަކުރަމުން އެ ކުންފުނިން ބުނީ ޕްލާސްޓިކް ކޮތަޅަކަށް 2.50 ރުފިޔާ ނަގާނެ ކަމަށާއި ކަރުދާސް ކޮތަޅަކަށް 2 ރުފިޔާ ނަގާނެ ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކުހެއް ނަގަން ފަށަން ނިންމީ 2020 ވަނަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ޕްލޭންގައިވާ ގޮތުން މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ޓެކުހެއް ނަގަން ވަނީ ރާވާފައެވެ.