އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ނުދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ ވިދާޅުވީ ކޮވިޑުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ރައީސް ސޯލިހް ގައުމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ހަރުދަނާ ފިޔަޅުތަކަކީ މިއަދު ލަންކާގެ ހާލަތަށް ރާއްޖެ ނުދިއުމުގެ އަސްލު ކަމަށެވެ. އަދި ރައީސް ސޯލިހްގެ ކިބައިގައި ވެރިއެއްގެ ކުފޫހަމަވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.

ރާއީ މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން ބޯހަރުކަން ދައްކައި ދެވަނަ ލަންކާއަށް ރާއްޖެ ނުހަދުމަށާއި އީދު ޗުއްޓީ ނިމޭ އިރު ތަކެތީގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑު ވިދާޅުވެފައިވަނިކޮށެވެ. އަދި ޖޭޕީ މޯގަންގެ "ރިސެޕްޝަނިސްޓުން" ޔޫއެސް އިގްތިސާދު ނުރައްކާވެއްޖެ ކަމަށް ބުނާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ޗާޕް މެޝިން ކަމަށް ވިދާޅުވެ ސައީދު ވަނީ ފާޑު ކިޔުއްވާފައެވެ.

އަވަށްޓެރި ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވެ ހުއްޓުމެއްނެތި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އަދި އެ ގައުމުގެ ރައީސް އާއި ބޮޑުވަޒީރުވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.