ހިމާޔަތް ކޮށްފައިވާ ކ. ރަސްފަރު ފަރަށް އެރި ޕެނެމާގެ ކާގޯ ބޯޓާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
އެމްވީ ނަވިއޯސް އަމާރީލިސް ކާގޯ އުފުލާ ބޯޓު ފަރަށް އެރީ އޯގަސްޓް 19، 20121 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 އެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓު ވެގެން ގޮސްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ރައްޔިތުންް މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ. އެ މައްސަލަ މިއަދުގެ ޖަލްސާއަށް ބަލައިގެންފައިވާއިރު، އެ ބޯޓު އިއްޔެގެ ވަގުތެއްގައި ވަނީ ފުންކޮށްފައެވެ.
މެމްބަރު ރާއީ ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ އެ އާގު ބޯޓު ފަރަށް އެރިކަން އެ ބޯޓުގެ ކެޕްޓަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިނުވާ ކަމަށެވެ.
އެހެންކަމުން، އެކަމުގައި އޮތް އިހުމާލުތައް ބަލައި ފަރަށާއި ތިމާވެއްޓަށް ލިބުނު ގެއްލުންތައް ރަނގަޅަށް ވަޒަންކޮށް ފިޔަވަޅު އެޅުމަށް އެ މައްސަލާގައި ގޮވާލާފައި ވެއެވެ.
މިހާތަނަށް ބެލި ބެލުމުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް އުޅަނދުން ބޭރުވެފައި ނުވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.
އެއޮތޯރިޓީން ބުނީ ބޯޓުގައި ހުރި ލޯސަލްފާ އައިއެފްއޯ ގެ ތެރެއިން ޕްލޭން ކުރި ގޮތަށް ތިރީ ތާނގީތަކުން އުޅަނދުގެ މަތީ ތާގީތަކަށް ރައްކާތެރިކަމާއެކު ތެޔޮ ޓްރާންސްފާ ކޮށްފައި ކަމަށާއި އުޅަނދު ސަލްވޭޖް ކޮށް އުޅަނދު ޕޯޓް ލިމިޓް އޭރިޔާގައި ބޯޓު އެންކާ ކުރުމަށް ފަހު ބޯޓުގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ފަށާނެ ކަމަށެވެ.
އަދި ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބެލުމަށްޓަކާ އެންވަޔަރަމަންޓަ ޕްރޮޓެކްޝަން އެޖެންސީއާއި ކޯސްޓްގާޑުން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވެސް އެއޮތޯރިޓީން ބުނެއެވެ.
ކ. ރަސްފަރީ ފަރަށް އެރި ޕެނަމާގެ އާގު ބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާ ޑިޕޮސިޓްއެއް ބަހައްޓާފައި ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން އޮތީ ނިންމާފައެވެ.