ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެ ވަޑައިގަތުމަށް ހުށައަޅައިފިއެވެ.
ޖަލާ ގުޅޭ ގޮތުން ސުވާލުކުރަން ހުށައެޅުއްވީ ނޭކުރަންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ރާއީއެވެ.
މެންބަރު ރާއީ ވިދާޅުވީ ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލަށް 2008 ވަނަ އަހަރުން ފެށިގެން އުންމީދު ކުރަމުން އަންނަ ކަމަށެވެ.
މެމްބަރު ރާއީ މަޖިލީހަށް ހުށަހެޅުއްވި ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސްގައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރު އެޅުމަށް ކުރެވިފައި ހުރި މަސައްކަތަކީ ކޮބައިތޯ މިނިސްޓަރު އިމްރާންގެ އަރިހުން ސާފުކުރުމަށް އެދޭ ކަމަށެވެ.
އަދި ދައުލަތުގެ ބަޖެޓުން އެކަމަށް ކުރަން ނިންމާފައިވާ ހަރަދުގެ ތަފްސީލު އަދި މިހާތަނަށް ކޮށްފައިވާ ހަރަދުގެ ތަފްސީލުވެސް ހޯދުމަށް މެންބަރު ރާއީ ވަނީ އެދިވަޑައިގެންފައެވެ.
ނޭކުރެންދޫގައި ޖަލެއް އެޅުމަށްޓަކައި 21 ހެކްޓަރުގެ ބިމެއް އެރަށުގެ ދެކުނު ފަރާތުން ވަނީ ކަނޑަޢަޅާފައެވެ. އެރަށުގައި ހައި ސެކިއުރިޓީ ޖަލެއް އަޅަން ވައުދުވީ ކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައިވެސް އެ މަސައްކަތް ކުރިއެވެ.