ސްރީލަންކާ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ބޭނުންވަނީ ތަޖުރިބާކާރު، ހަރުދަނާ ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދަކީ ލަންކާއަށް ދިމާވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް ބޭނުންވާ މާލީ އެހީ ހޯދުމުގައި އެހީތެރިވެ ދެއްވާ އެކަން ވިލަރެސް ކުރެއްވުމަށް ލަންކާ ސަރުކާރުން ކަނޑައަޅާފައިވާ މަންދޫބެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާ އަށް ދިމާވެފައި އޮތް މައްސަލަތަކުން އަރައިގަނެވޭނީ ތަޖުރިބާ ހުރި ހަރުދަނާ ބޭފުޅަކަށް ކަމަށެވެ. މީގެ އިތުރުން ލަންކާ އަށް ދިމާވެފައިވާ އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކަށް އެ ގައުމުގެ ރައްޔިތުން ފުރިހަމަ ހައްލެއް ހޯދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ލަންކާ ބަންދުކޮށްފައި އޮއްވައި ބޯމަތިވި މި އިގްތިސޯދީ ކާރިސާގެ ސަބަބުން ގައުމުގެ އާންމު ރައްޔިތުންގެ ރުޅިވެރިކަން ވަނީ ކޮޅުންލައިފައެވެ.

އިއްޔެ ރިޔާސީ ގަނޑުވަރަށް އާންމުން ވަދެ އެތާނގެ ސްވިމިގްޕޫލުގައި ފަތާ، ބަދިގެއަށް ވަދެ ތެލިތަށި ހާވާ ހަދާ، އެކިއެކި ކޮޓަރިތަކަށް ވަދެ އަންނައުޅުނާ އެއްޗެހި ހާވާ ހަދާފައި ވެއެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ އާއި އާއިލާ ދިރިއުޅުއްވާ ގެކޮޅަށް ވަދެ އެތާ ހުޅުޖަހާ ރޯކޮށްލާފައިވެސް ވެއެވެ.

ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ދަތިކަމާ ހުރެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި އިއްޔެ، ރިޔާސީ ގަނޑުވަރަށް ވަދެގެންފައި ވަނިކޮށް އިސްތިއުފާ ދެއްވަން ނިންމަވައިފި ކަމަށް އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ލަފާ ކުރެވޭ މި ދަނޑިވަޅަކީ، އެ ގައުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާއާއެކުގައިވެސް މަޝްވަރާތަކެއް ކުރިއަށް ދާ ދަނޑިވަޅެކެވެ. އެ އިދާރާއިން ވަނީ ސްރީލަންކާގެ ވުޒާރާތަކާ ގުޅިގެން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަން ހާމަ ކޮށްފައެވެ.