ރައްޔިތުން މަޖިލީހުގެ މެންބަރުން ލަންކާއަށް ދަތުރެއް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕުގައެވެ.

މި ގްރޫޕުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވަނީ ލަންކާގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ހަބަރެއް ހިއްސާކުރައްވާ، މިއަދު ލަންކާއަށް ކުރިމަތިވެފައިވާ ހާލަތަކީ ދަރަނި އަދާކުރަން އިތުރު ދަރަނި ނެގުމުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ.

ބޮންޑޭގެ އެ މެސެޖާ ގުޅިގެން ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަޖިލީހުގެ މެންބަރުން ލަންކާއަށް ދަތުރެއް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވަނީ ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކޮށްފައި ހަރަދު ކުޑަކޮށްފިނަމަ ޓެކްސް ބޮޑުކުރަން ނުޖެހޭނެ ކަމަށާއި އަދި ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރާ ހާލަތަށް ރާއްޖެ އަދި ނުދާ ކަަމަށާއި މިކަން ރަނގަޅަށް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ރާއްޖެއަށް ހާލަތު އައީ ދަރަނި ރީސްޓްރަކްޗާ ނުކޮށްގެން ނޫން ކަމަށާއި ކޮވިޑާ ހެދި ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވެ، ޖީޑީޕީ ދަށަށް ދިޔުމުން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މި އަހަރު ނިމޭ އިރު ކޮވިޑް ހާލަތުން އަރައިގަނެވޭނެ ކަމަށާއި، އިގްތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް އަންޒާދާ ކުރެވޭ ކަމަށެވެ.

ކޮވިޑާ ގުޅިގެން ލަންކާ ބަންދުކޮށްފައި އޮއްވައި ބޯމަތިވި މި އިގްތިސޯދީ ކާރިސާގެ ސަބަބުން ގައުމުގެ އާންމު ރައްޔިތުންގެ ރުޅިވެރިކަން ވަނީ ކޮޅުންލައިފައެވެ. އިއްޔެ ރިޔާސީ ގަނޑުވަރަށް އާންމުން ވަދެ އެތާނގެ ސްވިމިގްޕޫލުގައި ފަތާ، ބަދިގެއަށް ވަދެ ތެލިތަށި ހާވާ ހަދާ، އެކިއެކި ކޮޓަރިތަކަށް ވަދެ އަންނައުޅުނާ އެއްޗެހި ހާވާ ހަދާފައި ވެއެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ އާއި އާއިލާ ދިރިއުޅުއްވާ ގެކޮޅަށް ވަދެ އެތާ ހުޅުޖަހާ ރޯކޮށްލާފައިވެސް ވެއެވެ.

ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ ދަތިކަމާ ހުރެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި އިއްޔެ، ރިޔާސީ ގަނޑުވަރަށް ވަދެގެންފައި ވަނިކޮށް އިސްތިއުފާ ދެއްވަން ނިންމަވައިފި ކަމަށް އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވަނީ ވިދާޅުވެފައެވެ.