މަތިވެރިވެގެންވާ ހައްޖާއި އީދު ﷲ ޝަރްއުކުރެއްވީ މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށާއި އެހެން ކަމުން އެއްބަޔަކު އަނެއް ބަޔަކު އެކުވެރިކަންމަތީ ދިރިއުޅުމަށް އީދު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދު ހެނދުނު ކުރި އީދު ނަމާދުގެ ހުތުބާގައި، އީދާއި ހައްޖުގައި ވަނީ ސުލްހަމަސަލަސްކަމާއި އަމާންކަން ކަމަށާއި އީދަކީ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންގެ މައްޗަށް އޮތް އުފަލެއް ކަމަށް ބުންޏެވެ. އަދި އީދު ފާހަގަކުރަން ވާނީ އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީ ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީ ނިކަމެތި މީހާ ބާރުވެރިކުރުމުގެ އިތުރުން ބީރައްޓެހިން ރައްޓެހިކުރުމަށް ބާރު އަޅަމުން ކަމަށްވެސް ހުތުބާގައި ވަނީ އިރުޝާދު ދީފައެވެ.

މިއަދު ވިލިމާލެގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު

މާލެ އާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދަށް ގިނަ ބަޔަކު ހާޒިރު ވި އިރު މާލެ ސަރަހައްދުން މާލެއާއި ވިލިމާލެ ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރިއެވެ.

މިއަދު ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު

މިއަދުގެ ހުތުބާގައި ނަސޭހަތްތެރި ވި އެންމެ މުހިންމު އެއް ކަމަކީ އަހަރެމެންގެ މިއަދުގެ ހާލަތު މިއަށް ވުރެ ރަނގަޅުކުރަން މަސައްކަތް ކުރުމަށާއި މުޅި ހަޔާތުގެ ސަމުގާއަކީ އިސްލާމް ދީނާއި އެ ދީނުގެ ރިވެތި އަހްލާގު ކަމުގައި ހަދުމާ އެކު އެއްބައިވަންތަކަމާއި އެކުވެެރިކަމާ އެކު ކުރިއަށް ދިއުމަށެވެ.