އީދު ނަމާދު ކުރިއަށްދާ ވަގުތު މާލޭގެ ބައެއް ސަރަހައްދުތަކަށް ދުއްވާ އުޅަނދު ފަހަރަށް ނުވަދެވޭ ގޮތަށް ފުލުހުން ޓްރެފިކަށް ބަދަލު ގެނެސްފިއެވެ.
މޫސުން ރަނގަޅު ނަމަ، މާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ. އޭގެ އިތުރުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން 32 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެހެންވެ، އާންމުން އުޅެންވީ ގޮތް އަންގައިދިނުމަށް ފުލުހުން ހާމަކުރި ޗާޓުގައިވާ ގޮތުން:
- މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދު އުޅަނދު ފަހަރަށް ބަންދު ވާނެ
- ޕާކިން އަށް ހަމަޖައްސާފައިވަނީ ބޮޑުތަކުރުފާނު މަގުގައި
- އަންހެނުން ވަނުމަށް ހާއްސަކޮށްފައި ވަނީ މާފަންނު ދުވާ ޓްރެކް ސަރަހައްދު
- ފިރިހެނުން ވަނުމަށް ހާއްސަކޮށްފައި ވަނީ މާފަންނު ސްޓޭޑިިއަމަށް ވަންނަ ދެ ގޭޓު
އޭގެ އިތުރުން އިސްލާމީ މަރުކަޒުގެ ސަރަހައްދަށް ބަލާލާއިރު، އެ ސަރަހައްދަށް އަދި ލިލީ މަގަށް ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ނުވަދެވޭނެއެވެ. އެ ސަރަހައްދުގައި ޕާކިން އަށް ދޫކޮށްފައި ވަނީ ޖުމްހޫރީ މައިދާނާ ވެގެން އޮންނަ ފަޅިއެވެ. އަދި ސަލްމާން މިސްކިތާއި ނޫރު މިސްކިތުގައި އީދު ނަމާދު ކުރާތީވެ، ރޯޝަނީ މަގަށް ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ވަނުން މަނަލެވެ. ހަމަ އެއާއެކު ސަލްމާން މިސްކިތް ސަރަހައްދު ޕާކިން އަށް ހާއްސަކޮށްފައިވާތީވެ، އެ ސަރަހައްދަށް ވެސް ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ވަނުން މަނަލެވެ.
ފުލުހުން މިގޮތަށް ޓްރެފިކަށް ބަދަލު ގެނެސްފައިވަނީ ހެނދުނު 6 އިން އީދު ނަމާދު ނިމެންދެނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފުލުހުން ވަނީ، ފައި މަގުގައި އީދު ނަމާދަށް ދިއުމަށް އާންމުންގެ ކިބައިން އެދިފައެވެ. އެގޮތުން ފުލުހުންގެ ސްޕްރިންޓެންޑެންޓް ހުސައިން ސަމީރު ވިދާޅުވީ، ބޮޑު ޖަމާއަތުގައި ނަމާދު ކުރާއިރު، ގިނަ ބަޔަކު އެއްފަހަރާ އެ ސަރަހައްދަށް ގޮސް އުޅުމުގެ ތެރޭގައި އުޅަނދު ފަހަރު ޕާކްކުރުމުގެ ޖާގަ ހޯދަން ދަތިވާނެ ކަމަށެވެ.
އޭގެ އިތުރުން، އީދު ދުވަހާއި ވަޅު އީދު ދުވަހު ހަވީރު 4 އިން އިރުއޮއްސި 6 އަށް މާލޭގައި ހިނގާފައި އުޅޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.