ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ، ގއ.ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީއާއި، ގއ. ކަނޑުހުޅުޅޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ، 22 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، ޖަނަވަރީ 17، 2020 ދުވަހުގެ ކުރިން ތަފާތު އެކި ދުވަސް މަތިން، އިބްރާހީމް ދީދީގެ ކާފަ ދަރި އަދި ހަސަން މޫސާ ދީދީގެ މުނިކާފަ ދަރީގެ ކުރިމަތި ފަރާތުގައި އަތްލާފައި ވާތީ، ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދަގެ (ށ) ގެ ދަށުން، އާއިލާގެ މެންބަރަކު އެ އއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން އިބްރާހީމް ދީދީއާއި، ހަސަން މޫސާދީދީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން އެ ދެމީހުން 25 އަހަރަށް ޖަލަށް ލާން އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުން ސިއްރުކޮށް ކުރިއަށް ގެންގޮސްފައިވާ އިރު އެ މީހުންނަށް ކަނޑާއަލާފައިވާ އަދަބަކީ މިފަދަ މައްސަލަތަކުގައި ދެވޭ އެންމެ ބޮޑު އަދަބެވެ. ނަމަވެސް އެމީހުންނަށް އިއްވި 25 އަހަރުގެ ޖަލު ހުކުމުން ވަނީ ބަންދުގައި އެމީހުން ހޭދަ ކުރި މުއްދަތު އުނިކޮށްފައެވެ. އެގޮތުން ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މި މައްސަލައާ ގުޅިގެން ޖަލު އަދަބުގެ ގޮތުގައި އިބްރާހީމް ދީދީއާއި، ހަސަން މޫސާދީދީ ތަންފީޒު ކުރަންޖެހޭ މުއްދަތަކީ، 22 އަހަރާއި 06 މަހާއި 10 ދުވަސް ކަމަށް ކަނޑައަޅައި، މި ގޮތުގެމަތިން ޙުކުމްކޮށްފައެވެ.

ޖެނުއަރީ 16، 2020 ގައި ގއ. ކަނޑުހުޅުދޫގައި 2 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު އެއީ ދިވެހިންގެ ތެރޭގައި އެތައް ބަޔަކު ހައިރާން ކޮށްލި މައްސަލަލައެވެ. އެ މައްސަލައިގައި އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނި ކާފަ ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން އެ ކުއްޖާގެ ކާފަ އަދި މުނި ކާފަގެ މައްޗަށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވި އެކަމަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.

މި މައްސަލާގައި ހުކުމް ކުރި ކުއްޖާގެ ކާފައަކީ 62 އަހަރުގެ މީހެކެވެ. އަދި މުނިކާފައަކީ 82 އަހަރުގެ މީހެކެވެ. ކުއްޖާގެ ކާފައަކީ މީގެކުރިން ވެސް މިފަދަ އިތުރު މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. ނަމަވެސް އުމުރަށް ބެލުމަށްފަހު ފުލުހުން އެމީހާ އޭރު ދޫކޮށްލިއެވެ.