މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުގެ އަގު ޓްރާންސްޕޯޓު މިނިސްޓްރީން ބޮޑުކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން، މިއަދުން ފެށިގެން ޓެކްސީ ދަތރުތަކުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަގުތަކަށް އައި ބަދަލު:

  • މާލެ، ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2ގެ އެތެރޭގެ ދަތުރު 30ރ
  • މާލެ އިން ހުޅުމާލެ ފިޔަވަހި 1އަށް އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ އަށް 85ރ
  • މާލެ އިން ހުޅުމާލެ ފިޔަވަހި 2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ އަށް 100ރ
  • މާލެ އިން ހުޅުލެ އަށް، އަދި ހުޅުލެ އިން މާލެ އަށް 70ރ
  • ހުޅުމާލެ ފިޔަވަހި1 އިން ހުޅުލެ އަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 1 އަށް 80ރ
  • ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެ އަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 2 އަށް 85ރ
  • ހުޅުމާލެ ފިޔަވަހި 1 އިން ހުޅުމާލެ ފިޔަވަހި 2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން ހުޅުމާލެ ފިޔަވަހި 2އަށް 40ރ

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީތަކަށް ކަނޑައަޅާފައިވާ އަގުތަކަކީ މާލެ / ހުޅުމާލެ ފުރަތަމަ ފިޔަވަހި / ދެވަނަ ފިޔަވަހި (އެތެރޭގެ ދަތުރުތަކަށް): 25 ރުފިޔާއެވެ. ހުޅުމާލޭގެ ދެ ފިޔަވަހީގެ ދެމެދު ކުރާ ދަތުރުތަކަށް 40 ރުފިޔާ ނަގާއިރު މާލެ / ހުޅުމާލެ އާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް ނަގަނީ 60 ރުފިޔާއެވެ. އަދި މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު، އަދި ހުޅުމާލެ ދެވަނަ ފިޔަވައްސާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް 75 ރުފިޔާ ނަގާއިރު ހުޅުމާލެ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދު ކުރާ ދަތުރުތަކަށް ނަގަނީ 90 ރުފިޔާއެވެ.

ދުނިޔޭގެ ތެލުގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ތެރެއިން ޓެކްސީ ދަތުރު ކުރާ ފަރާތްތަކުން މީގެ ކުރިން ވަނީ ޓެކްސީ ދަތުރު ކުރާ އަގުތައް ބޮޑު ކުރަން ގޮވާލާ އިހުތިޖާޖެއް ކޮށްފައެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ބޮޑު ނުކޮށް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ދަތުރު ކުރުމަށް ގޮވާލައި ވަނީ އެ ގޮތަށް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭރު ބުނެފައެވެ.