ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއްގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް އިންޑިއާއިން ރިޕޯޓްކުރުމާ ގުޅިގެން، އާންމުންގެ ސަމާލުކަމަށް އެކަން އެމްއެފްޑީއޭ އިން ގެނެސްފިއެވެ.

އެ އިދާރާއިން ނެރުނު ސަމާލުގައި ބުނީ، އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ޖެނެޓިކްސް އެލްއެލްޓީ ކުންފުނިން ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއް ކަމަށްވާ "ތައިރޮނޯމް 100 އެމްސީޖީ"ގެ ފޭކް ބޭސްތަކެއް ފެނިފައިވާ ކަމަށް، އިންޑިއާގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުން އަންގާފައިވާ ކަމަށެވެ.

އެ ބޭހުގެ ފޭކް ބެޗުގެ ތަފްސީލް ހާމަކުރުމަށް ފަހު، އެ ބެޗުތައް ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ ކަމަށް، އެމްއެފްޑީއޭ އިން ބުންޏެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ބޭހުގެ ސާމްޕަލްތައް ޗެކްކުރަމުން ދާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

ތައިރޮއިޑް ބައްޔަށް ބޭނުންކުރާ ބޭހުގެ ފޭކް ބެޗްގެ ތަފްސީލު

އަދި އެ ބާވަތުގެ ބޭސްތައް އެތެރެކުރޭތޯ ބަލަމުން ދާނެ ކަމުގައިވެސް އެ އިދާރާއިން ބުންޏެވެ.

އެމްއެފްޑީއޭއިން ވަނީ އެ ބޭހާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރަށް (7200321) ގުޅުމަށް އެދިފައެވެ.