އިއްޔެ ހަވީރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކާރެއް ކޮންޓްރޯލް ނުވެގޮސް އިތުރު ކާރެއްގައި ޖެހި ވިއްސައިގެން ގޮސް އެމްޓީސީސީގެ ބަހެއްގައި ޖެހިގެން ހިނގި އެކްސިޑެންޓްގައި މަރުވި މަރިޔަމް އަމާނީ ރަޝީދުގެ ކަށުނަމާދު މިއަދު ހެނދުނު 10 ޖަހާއިރުކުރަން ވަނީ ނިންމާފައެވެ.

އަމާނީގެ ކަށުނަމާދު އޮންނާނީ މަސްޖިދުލް ތައާވުން (އާސަހަރާ) މިސްކިތުގައެވެ.

އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެނިކޮށް މަރުވެފައިވާ އަމާނީއަކީ އުމުރުން 23 އަހަރުގެ ގއ.މާމެންދުއަށް ނިސްބަތްވާ ޒުވާނެކެވެ.

ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި ރަތް ކުލައިގެ ކާރު ދުއްވާފައި ދިޔައީ ހުޅަނގުން އިރަށް ކަމަށްވާއިރު ފުރަތަމަ އެކާރު ޖެހުނު ހުދު ކާރާއި އަދި އެމްޓީސީސީގެ ބަސް ދުއްވާފައި ދިޔައީ އިރުން ހުޅަނގަށެވެ. ރަތް ކާރު ކޮންޓްރޯލް ނުވެގެން ގޮސް ފުރަތަމަ ހުދު ކާރުގައެވެ.

އެ އެކްސިޑެންޓްގައި ހަމީހަކަށް އަނިޔާވެފައިވާއިރު ޒަހަމްވި ހަތަރު މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭގެ ތެރެއިން ތިން މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.