"ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސްޓެލްކޯއިން ސްޕޮންސަރ ކޮށްފިއެވެ.

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިއަދު ޑައެބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއެކު ވަނީ އެ ސޮސައިޓީގެ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ސޮޕޮންސާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސްޓޭލްކޯއިން ބުނީ އެ އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އެ ޕްރޮގްރާމަށް ބޭނުންވާ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް. އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ، އެ ސޮސައިޓީގެ ޗެއާ ޕާސަން އައިޝަތު ޝިރުހާނާއެވެ.

"އަޅުގަނޑުމެން އެކި ފަރާތްތަކަށް ދަންނަވަމުން ގެންދިޔައިން އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިކަން ވެދެއްވުމަށް. އަދި މިކުދިންނަށް ހަމަ އެކުދިންގެ ދިރިއުޅުން ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް އަޅުގަނޑު ދަންނަވަން ބޭނުންވަނީ ދިރި ތިބުމަށޭ. އެހީތެރިވުމަށް އަޅުގަނޑުމެން އެދެމުންދިޔައީ. އަޅުގަނޑު ވަރަށް އުފާވެއްޖެ ސްޓެލްކޯއިން އަޅުގަނޑުމެންނަށް މިކަމުގައި އިޖާބަދީ، އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނެންގެވީތީވެ"
ޝިރުހާނާ

އެއްބަސްވުމުގައި ސޮއިކުރުމަށް ވ=ބޭއްވި ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން ޝިރުހާނާ ވިދާޅުވީ، މިއަދަކީ އެ ސޮސައިޓީއަށް ވަރަށް ވެސް އުފާވެރި ދުވަހެއް ކަމަށާއި، 2000 ވަނަ އަހަރުއް ސުރެ ހިލޭ ސާބަހަށް މަސައްކަތްކޮށް ހަކުރު ބައްޔާ މެދު މީހުން ހޭލުންތެރި ކުރުވާ، ހަކުރު ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެމުން އަންނަ ކަމަށެވެ. މިދިޔަ 22 އަހަރުތެރޭ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި، އޭގެ ތެރެއިން ވެސް ކުޑަކުދިން އަދި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ފާހަގަ ކޮށްލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ޕްރޮޖެކްޓްގެ ދަށުން، ހިލޭ ކްލިނިކަކާއި، އެކުދިންނަށް ބައްޔާއެކު، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ކަންތައްތަކެއް މަގުފަހިކޮށް ދިނުމަށް، މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިންސުލިން ޖަހަން ބޭނުންވާ ޕެން އާއި، ޓެސްޓު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށް ދީފައެވެ. އެހެން ނަމަވެސް، 2020 ގައި އެ ސޮސައިޓީއަށް ދިމާވި، މާލީ ދަތިތަކާއި ހުރެ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިޖުތިމާއީ ސިޔާސަތުގެ ތެރޭގައި، އެއްވެސް ޖަމާތެއް ނުވަތަ ބައެއް ނުވަތަ މީހަކު ހަވާސާ ވެގެން ގޮސް ބާކީވެ ދިއުމަކީ އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން. އެގޮތަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެސްއޯއީސްތަކުން، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުނިތަކުން، މިކަހަލަ ގޮތަކަށް ހަވާސާވެގެންދާ ފަރާތްތަކާއި ދޭތެރޭގައި އަޅާލުން އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުވެސް ގަބޫލު ކުރަން"
ޝަރީފް

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ، "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕްރޮޖެކްޓް ހިންގުމަށްޓަކައި ދޭންޖެހޭ ހުރިހާ ބާވަތެއްގެ އެއްބާރުލުމެއް ފުރިހަމަކަމާއެކު ދެއްވާނެ ކަމަށާއި، ސްޓެލްކޯއަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވާ އުނދަގޫތަކާއި، އަދި ދިމާވެދާނެ ކަންކަމަށް ބަލައި އަބަދުވެސް ކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯގެ މެނޭޖްމަންޓާއި، ބޯޑުން އެކަމަށް އިސްނަގައި، އެކަން ކުރުމުގެ ފުރިހަމަ ބާރާއި، އިހްތިޔާރު ދެއްވީތީ ބޯޑަށާއި، މެނޭޖްމަންޓަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ސީއެސްއާރުގެ ދަށުން، މުޖުތަމައު ތެރޭގައި ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ، ޖަމާތްތަކަށް އެ ކުންފުނިން ވެވެން އޮތް އެހީތެރިކަމެއް ވަމުން ގެންދާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.