އީޕީއޭގެ ލަފައާއި އިރުޝާދާ އެއްގޮތަށް ސަރުކާރުން ކަންތައްތައް ނުކުރާތީވެ، ރަށްރަށުގެ ވެއްޓަށް، ހާއްސަކޮށް ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑު ކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިންތިގާލީ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނާޒިމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ އެ ޕާޓީން އަބަދުވެސް ތަރުހީބުދޭ ކަމެއް ކަމަށެވެ.

ނަމަވެސް އޭގެ ބަދަލުގައި ފެންނަމުން ދަނީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި އަވަސް އަރުވާލައިގެން މަޝްރޫއުތައް ނިންމާލާ މަންޒަރު ކަމަށާއި، އެކަމުގެ ސަބަބުން ރަށްރަށުގެ ވެށިތަކަށް ލިބޭ ގެއްލުން ބޮޑުވެ، ނޭދެވޭ އަސަރު ކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިހެން ހެދުމުގެ ސަބަބުން މި ދިމާވާ ގޮތަކީ ރަށްރަށުގައި ރަށް ގިރުމާ ރަށްރަށަށް އުދަ އެރުމުގައި ދިމާވާ މައްސަލަތައް ބޮޑު."
މުހައްމަދު ނާޒިމް | އެމްއެންޕީ, ރައީސް

އެގޮތަށް އެކަން ވަނީ އީޕީއޭގެ ލަފާގެ މަތިން މަޝްރޫއުތައް ނުހިންގާތީ ކަމަށާއި، އަދި އީޕީއޭއަކީ މިނިވަން މުއައްސަސާއަކަށް ނުވާތީ ކަމަށް ނާޒިމް ގަބޫލު ކުރައްވައެވެ. އެހެންވެ، އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހެދުމަށް، ނާޒިމް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ. އަދި އީޕީއޭގެ ލަފާގެ މަތިން މަޝްރޫއުތައް ނުހިންގާތީވެ، ރަށްރަށަށް ލިބޭ ގެއްލުން ބޮޑު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މަޑަވެލި ހޯޑެއްދޫގެ މިފަހަރު މި އަރައިގެން ދިޔަ އުދައިގަ އެންމެ ބޮޑު އަސްލަކަށް ވެފަ އޮތީ އެތަނުގަ އެޅުނު ކޯސްވޭ. ކޯސްވޭ ހެދުމަށްޓަކައި ދީފަހުރި އިރުޝާދާ ހިލާފަށް އެކަން ކުރެވިފަ ވަނީ. އެހެންވީމަ އަޅުގަނޑު ސަރުކާރަށް ދަންނަވަން އޮތީ މިފަދަ ކަންތައް ނުކުރައްވާށޭ، ރައްޔިތުންނަށް ލިބޭ ގެއްލުން އެހާމެ ބޮޑޭ، އަދި ރައްޔިތުންނަށް އިއާދަނުކުރެވޭ ގޮތުގަ އޭ އެކަން އެ ލިބިގެން ދަނީ."

ހަމަ އެއާއެކު، ކޮމަންޑޫގެ އިންތިހާބުގައި މަތިކޮމަންޑޫ ގުޅާލަން ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ހިއްކާ ސަރަހައްދަށް ވެލި އަޅާލިއިރު، ފަރު ހަލާކުވެގެން ދިޔަ ކަމާއި، މީގެ ދޮޅު އަހަރު ކުރިން ހުޅުވި ހޯރަފުށި އެއާޕޯޓަށް އެރި އުދައިގެ ސަބަބުން ގެއްލުން ވެފައިވާ ކަން ވެސް ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، މިއީ ދައުލަތުގެ ފައިސާއިން ކުރަން ވާވަރުގެ ކަމެއް ނޫން ކަމަށެވެ.

"މިއީ ދައުލަތުގެ ފައިސާ. އަޅުގަނޑުމެން ރައްޔިތުން ދައްކާ ޓެކްސްގެ ފައިސާއިން ކުރަން ހެޔޮވާވަރު ކަމެއްނޫން." ނާޒިމް ވިދާޅުވިއެވެ.