އެ ގައުމުގެ މިނިވަން ކަމުގެ ތާރީހު ދުށް އެންމެ ފުން އިގުތިސޯދީ އަދި މާލީ ހީނަރު ކަމުގެ ތެރެއަށް ވެއްޓިފައި ވާ އަވަށްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން އެއްވެސް މީހަކު އަދި މިހާތަނަށް ދިވެހި ހާރިޖިއްޔާގެ އެއްވެސް ޔުނިޓެއްގައި އެހީއަށް އެދިފައި ނުވާ ކަމަށް، ދިވެހި ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް ދާ މިދަނޑިވަޅުގައި، އެއްވެސް ދިވެއްސަކު ނުވަތަ ދިވެހިންގެ ޖަމާއަތަކުން، ދިވެހި ހާރިޖިއްޔާގެ އެއްވެސް ޔުނިޓެއްގައި އެހީއަށް އެދިފައި ވޭތޯ ދަ ޕްރެސްއިން ދެންނެވި ސުވާލަކަށް މިއަދުގެ ވަގުތެއްގައި ޖަވާބު ދެއްވަމުންނެވެ.

ކަން އެހެން އޮތް ނަމަވެސް، މިވަގުތު ސްރީލަންކާގައި ދަތުރުފަތުރުކޮށް އުޅުމުގައި ދަތިތަކެއް ހުންނާނެ ކަމަށާ، އެކަމާ، މިވަގުތު ދިވެހި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. ސްރީލަންކާއަށް ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ވަގުތުގެ ހާލަތު، ދިވެހިންނަށް ވަރަށް ރަނގަޅަށް ފަހުމުވާ ކަމަށްވެސް މިއުވާން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ދަނޑިވަޅަކީ ސްރީލަންކާގައި އާންމު ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ވިއްކުން މަނާކޮށްފައި ވާ ދަނޑިވަޅެކެވެ. އަދި މިވަގުތު އެ ގައުމުގެ ޕެޓްރޯލް ރިޒާވްގައި، އާންމު ޑިމާންޑްގެ އެންމެ ދުވަހަކަށް ފުދޭ މިންވަރަށްވެސް ސަޕްލައި ނެތް ކަން، ސްރީލަންކާގެ އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖޭސޭކަރަ ވަނީ އިއުލާން ކުރައްވާފައެވެ.

އިންތިހާ މާލީ ހީނަރުކަމާ ކުރިމަތިލާންޖެހިފައިވާ ސްރީލަންކާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަރުވާ ފަދަ ޒަރޫރީ ތަކެތި ގަތުމަށްވެސް އެ ގައުމަށް ވާނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

މި ހައްސާސީ ދަނޑިވަޅުގައި ބައިނަލްއަގުވާމީ އެހީއަށް އެދި ސްރީލަންކާއިން ސަލާން ޖަހަމުން ދާއިރު، ސަރަހައްދީ ފެންވަރުގައި އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައި ވިއްދައިގެން އޮތް އިންޑިއާ، ޗައިނާ އަދި ޖަޕާން ފަދަ ގައުމުތަކުން މިހާރުވެސް ދަނީ އެކި ގޮތް ގޮތުން ސްރީލަންކާއަށް އެހީ ފޯރުކޮށްދެމުންނެވެ.

ސްރީލަންކާއަކީ އެކި ބޭނުންތަކުގައި ގައުމުން ބޭރުގައި އެންމެ ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެގެން އުޅޭ އެއް ގައުމެވެ. ނަމަވެސް ސްރީލަންކާއަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ލުޔެއް ހޯދާ ދިނުމަށް ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އެހީގެ އަތެއް ދިއްކޮށްލާފައި ނުވެއެވެ. އެއީ ކީއްވެތޯ ދަ ޕްރެސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިވެހި ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވިދާޅުވީ، މި ވަގުތު އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.