އަނބިމީހާގެ ބަނޑަށް ވަޅިން ހަމަލާދިން އޭނާގެ ފިރިމީހާ، ށ. ފޭދޫ ރެޑިއަމްގެ، އާދަމްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ 9:28 ހާއިރު އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލާގައި އާދަމް ހައްޔަރުކުރީ އެ މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޕީޖީއިން ބުނީ އެ މައްސަލައާ ގުޅިގެން އާދަމްގެ މައްޗަށް ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ މިދިޔަ މަހުގެ 30 ވަނަ ދުވަހު ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެ ދައުވާގެ ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެ ދެމަފިރިންގެ ދެމެދުގައި ފައިސާގެ މައްސަލަތަކުގައި ދެބަސްވުން އުފެދޭ ކަމަށް މައުލޫމާތު މީގެ ކުރިން ލިބިފައިވާއިރު އެ އަންހެން މީހާއަށް މާ ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.