މުއްސަނދި ބިންވެރިއެއްގެ ދަރިފުޅު ކަމަށް ހެދިގެން 41 އަހަރު ދުވަސް ވަންދެން އުޅުނު ފިރިހެނަކު ޖަލަށް ލުމަށް އިންޑިއާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

އެއީ ފެބުރުއަރީ 1977 އެވެ. އިންޑިއާގެ އިރުމަތި ސްޓޭޓެއް ކަމަށް ވާ ބިހާރުގެ ސްކޫލެއްގައި ތައުލީމު ހާސިލު ކުރަމުން ދިޔަ ފުރާވަރު އުމުރުގެ ފިރިހެން ކުއްޖަކު، ސްކޫލުން އެނބުރި ގެއަށް ދިޔަ މަގުމަތީގައި ވީނުވީއެއް ނޭނގި ގެއްލުނެވެ.

ކަންހައިޔާ ސިންހްއަކީ މުއްސަނދި ބިންވެރިއެއްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ. އިމްތިހާންތަކުގެ ދެވަނަ ދުވަހު ސްކޫލުން އެނބުރި ގެއަށް ދިޔަ މަގުމަތީގައި ގެއްލުނު ދަރިފުޅުގެ މައްސަލަ، އާއިލާއިން ފުލުހުންނަށް ހުށަހެޅިއެވެ.

ކަންހައިޔާ ހޯދުމުގެ މަސައްކަތުގައި އާރުލާ ގޮތެއް ނުވިއެވެ. ބައްޕަ ޑިޕްރެޝަނަށް ދިޔައެވެ. އަވަށުގައި އުޅުނު ބޯދާ ފިކުރުގެ މީހަކު، އެ ބައްޕަގެ ދަރިފުޅު ދިރިއެބަ ހުރި ކަމަށާ، ވަރަށް އަވަހަށް "ފެންނާނެ" ކަމަށް ބައްޕަ ގާތު ބުންޏެވެ.

ކަންހައިޔާ ސިންހްގެ ހަމައެކަނި ފޮޓޯ، ކޯޓު ބޭނުމަށް ހީރަސް ޖެހުމުގެ ސަބަބުން ހަލާކުވެފަ / ފޮޓޯ: ބީބީސީ

ސެޕްޓެމްބަރު 1981 އެވެ. ކަންހައިޔާ ދިރިއުޅެމުން ދިޔަ އަވަށާ ގާތްގަނޑަކަށް 15 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮން އަވަށަކަށް، ވިއްސަކަށް އަހަރުގެ ޒުވާނަކު ދިޔައެވެ.

ހިންދޫންނަށް ހާއްސަ ސެފްރީން ކުލައިގެ ހެދުމެއްގައި ހުރި އެ ޒުވާނާ އޭރު ބުނި ގޮތުގައި، އޭނާ ފައިސާ ހޯދާ އުޅުނީ ލަވަކިޔައިދީގެންނާއި ސަލާން ޖަހައިގެންނެވެ. އަދި އޭނާއަކީ މުރްގަވާންގެ ގަދަރުވެރިއެއްގެ ދަރިއެއް ކަމަށް ބުނަމުން ދިޔައެވެ. އެ އަވަށަކީ، ދަރިފުޅު ގެއްލުނު ބިންވެރިޔާގެ އަވަށެވެ.

ދެން ވީ ގޮތެއް މާ ސާފެއް ނޫނެވެ. ގެއްލުނު ދަރިފުޅު އަނބުރާ އަތުވެއްޖެ ކަމުގެ ތޯތޯ ވާހަކަތައް، ތުންތުން މަތިން ދަތުރު ކުރަމުން ގޮސް، ކަމޭޝްވަރުގެ ކަންފަތުގައިޖެހި، އެ މަންޒަރު ހަމަލޮލުން ދެކިލުމަށް އޭނާވެސް އަވަށަށް ދަތުރު ކުރިއެވެ.

އެ ދަތުރުގައި ސިންހާއެކު ބައިވެރިވި އޭނާގެ އަވަށްޓެރިން ވަނީ، އަވަށަށް ދިޔަ ޒުވާނާއަކީ އޭނާގެ ދަރިފުޅު ކަމަށް ބުނެ، އެ ދަރިފުޅު ގޮވައިގެން އަނބުރާ ގެއަށް ގޮސްފައެވެ.

"އަހަރެންގެ ލޯބޯ ދަނީ ކޮށިވަމުން. އަހަރެންނަށް އޭނާ މާ ސާފުކޮށެއް ނުފެނޭ. އެއީ އަހަރެންގެ ދަރި ކަމަށް ކަލޭމެން ބުނަނީ ވިއްޔާ، އަހަރެން އޭނާ ބަހައްޓާނީ" ދަތުރުގެ ބައިވެރިން ގާތު ސިންހް ބުނި ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކައެވެ.

ކަންހައިޔާ ސިންހްގެ ގޮތުގައި އުޅެމުން ދިޔަ މީހާގެ ކައިވެނި ހަފުލާގެ ތެރެއިން / ފޮޓޯ: ބީބީސީ

ދަތުރެއްގައި ދިއްލީއަށް ގޮސް ހުރި ސިންހްގެ އަންހެނުންނަށް، ދަރިފުޅުގެ އެނބުރި އައުމުގެ ހަބަރު ލިބުނީ 4 ދުވަސް ފަހުންނެވެ. މަޑުޖެހުމެއް ނެތި ގެއަށް ގޮސް ބެލިއިރު، އެއީ އޭނާގެ ދަރިފުޅު ނޫންކަން ރާމްސަކީ ދޭވީއަށް އެނގުނެވެ.

ކަންހައިޔާގެ ބޮލުގެ ވާތް ފަރާތުގައި ލަކުނެއް ހުންނާނެ ކަމަށާ، ގެއަށް އައި ޒުވާނާގެ އެ ނިޝާން ނެތް ކަމަށް ރާމްސާކީ ދޭވީ ދިޔައީ ބުނަމުންނެވެ. އަދި ތައުލީމު ހާސިލު ކުރި ސްކޫލުގެ ޓީޗަރަކު ދެނެގަތުމަށްވެސް އެ ޒުވާނާ އޮތީ ފެއިލްވެފައެވެ. ނަމަވެސް އެއީ ގެއްލުނު ދަރިފުޅުކަން ސިންހް ހުރީ ކަށަވަރު ކޮށްގެންނެވެ.

އޭގެ ދުވަސްތަކެއް ފަހުން، ރާމްސާކީ ދޭވީ، ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. ޝަހްސު އޮޅުވާޅުމުގެ މައްސަލާގައެވެ. އެ މައްސަލާގައި އެ ޒުވާނާ ޖަލަށް ލިއެވެ. ނަމަވެސް މަހެއްހާ ދުވަސް ފަހުން، ކަފާލާތު ދައްކައިގެން ޖަލުން މިނިވަންވިއެވެ.

ޖެހިގެން އައި 40 އަހަރު ހޭދަވީއެވެ. ބިންވެރިޔާގެ ގެއްލިފައިވާ ދަރިފުޅުގެ ގޮތުގައި އެ ޒުވާނާ ދިރިއުޅެމުން ދިޔައެވެ. ބިންވެރިޔާގެ ގޭގައެވެ. އާ ޝަހްސެއްގެ ގޮތުގައި ކަފާލާތުން މިނިވަންވި ޒުވާނާ ކޮލެޖަށް ދިޔައެވެ. ކައިވެނިކޮށް އާއިލާއެއް ހޯދިއެވެ. ތަފާތި އެކި "ފޭކް" ޝަހްސުތަކެއް ކަށަވަރު ކުރިއެވެ.

އެ އައިޑީތައް ބޭނުންކޮށްގެން އޭނާ ވޯޓުލައެވެ. ޓެކްސް ދައްކައެވެ. ރައްޔިތެއްކަން އަންގައިދޭ ގައުމީ ކާޑަށް ބައޮމެޓްރިކްސް މައުލޫމާތު ދެއެވެ. ބަޑި ގެންގުޅުމުގެ ލައިސަންސް ހޯދިއެވެ. ސިންހްގެ މިލްކިއްޔާތުން 37 އޭކަރުގެ ބިން ވިއްކާލިއެވެ.

ނަމަވެސް، ބިންވެރިޔާގެ އަންހެން ދަރިފުޅާ އޭނާގެ ޑީއެންއޭ ދިމާވޭތޯ ބެލުމަށް ޓެސްޓު ހެދުމަށް ސާމްޕަލް ދިނުމަށް އެ ފިރިހެން މީހާ އިންކާރު ކުރެއެވެ. އަދި އޭނާގެ ހަގީގަތް އޮޅުވާލުމަށްޓަކާ، އޭނާގެ ހަގީގީ ޝަހްސު "މަރުވެއްޖެ" ކަމަށް ދެއްކުމަށްޓަކާ، މަރުގެ ސެޓްފިކެޓެއް ތައްޔާރުކޮށް، ކޯޓުވެސް ސިއްސުވާލިއެވެ.

ޝަހްސާއި އަސްލު އޮޅުވާލުމަކީ އިންޑިއާގައި ހައްދު ފަހަނައަޅާފައި އޮތް ބޮޑު ޖަރީމާއެކެވެ. އެ ކަމަށް ފުރުސަތު ފަހިވާ އެންމެ ބޮޑު ސަބަބަކީ ޝަރުއީ ނިޒާމުގެ "ބަރަވެލި ދުވެލި" ސްޕީޑެވެ. ކޯޓުތަކުގައި 50 މިލިއަނަށް ވުރެ ގިނަ މައްސަލަ އޮތް އިރު، 180000 އަށް ވުރެ ގިނަ ކޭހަކީ ޕެންޑިންގްގައި އޮންނަތާ 30 އެތައް އަހަރެއްވީ ކޭސްތަކެކެވެ.

ކަން މިހެން އޮތް އިރު، 41 އަހަރު ވަންދެން ބިންވެރިޔާގެ ދަރިއަކަށް ހެދިގެން އުޅުނު މީހާއަކީ އަސްލު ކާކު ހެއްޔެވެ؟ އެހެން މީހަކަށް ހެދިގެން އުޅުނު ކަމުގެ ކުށާއި، އޮޅުވާލުމުގެ ކުށުގައި 7 އަހަރު ދުވަހުގެ ހުކުމެއްގައި ޖަލަށް ފޮނުވާލާފައި ވާ މީހާގެ އަސްލު ނަމަކީ ދަޔާނަންދު ގޮސައިންއެވެ. ނިސްބަތް ވަނީ ޖައްމުއި ޑިސްޓްރިކްޓްއަށެވެ.

ކަންހައިޔާ ސިންހްގެ ގޮތުގައި އުޅެމުން ދިޔަ މީހާ އަސްލު މަރުވެއްޖެ ކަމަށް ބުނެ ހުށަހެޅި ފޭކު މަރުގެ ސެޓްފިކެޓް / ފޮޓޯ: ބީބީސީ

ސިންހްގެ ދަރިފުޅުގެ ގޮތުގައި އެގެއަށް ބަދަލު ވުމުގެ ކުރިން، ގޮސައިންގެ ޝަހްސީ ވަނަވަރުތަކުގައިވެސް ފުށުއެރުންތަކެއް ހުއްޓެވެ. އުފަން ދުވަހުގެ ތާރީހުގެ ރެކޯޑްގައިވެސް ފަރަގު ހުއްޓެވެ. ތަހުގީގަށް ކަށަވަރުވި އެއް ކަމަކީ ގޮސައިންއަކީ ޖައްމުއި ޑިސްޓްރިކްޓްގެ ދަނޑުވެރިއެއްގެ ދަރިއެއްގެ 4 ފިރިހެން ދަރިންގެ ތެރެއިން ހަގު ދަރިފުޅުކަމެވެ.

ސިންހް މަރުވުމަށްފަހު އޭނާގެ މުދާވެރިކަމުގެ ބޮޑު ބައެއް ގޮސައިންއަށް އޮތީ ލިބިފައެވެ. ގޮސައިންގެވެސް ދަރިން ތިބިއިރު، ބައްޕަގެ ޝަހްސު އޮޅުވާލުމާ މެދު އެ ދަރިން ސުވާލު ކޮށްފައެއް ނުވެއެވެ.

ކޯޓުގައި ވާހަކަ ދައްކަމުން ގޮސައިން ވަނީ، ބިންވެރިޔާގެ ދަރިއަކަށް އޭނާ ހެދިގެން ނުއުޅޭ ކަމަށާ، ބިންވެރިޔާގެ ދަރީގެ ގޮތުގައި އޭނާ ބަލައިގަތީ ހުދު ބިންވެރިޔާ އަމިއްލައަށް ކަމަށެވެ. ނަމަވެސް ދަރި ނޫންކަން ސާބިތުވާ ހިސާބުން އޭނާ ދޫކޮށްލާނެ ކަމަށް ބުނި ކަމަށް ވެއެވެ.

އެތައް އަހަރަކަށް ކޯޓުގައި ދިގުދެމިގެން ދިޔަ މައްސަލަ ނިމުނު އިރު، ގޮސައިންއަކީ މައްސަލައިގެ ކޮޅުމަތި ކަމަށ ކޯޓުން ގަބޫލުކުރެއެވެ. ސިންހްގެ އާއިލާގެ ތެރެއަށް ގޮސައިން ވެއްދުމުގައި އިތުރު ބައެއްގެ އަތެއް ވާނެ ކަމަށް ކޯޓުން ގަބޫލު ކުރެއެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުގައި މީހަކު ގެއްލިގެން 7 އަހަރު ވާ އިރު ހަބަރެއް ނުވެއްޖެ ނަމަ، އެއީ މަރުވެފައި ވާ މީހެއް ކަމަށް ކަނޑައަޅައެވެ. ނަމަވެސް ޖަންހައިޔާގެ ކޭސް އަދިވެސް ލައްޕާފައި ނުވާ ސަބަބަކާ މެދު ސުވާލު އުފެދެއެވެ. އޭނާ އަދިވެސް ދިރިހުރީތޯ ސުވާލު ކުރެވެއެވެ.