އަޟްހާ އީދު ފާހަގަ ކުރުމަށް 18 ރަށެއްގައި ސިފްކޯއިން ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، މި އަހަރުގެ އަޟްހާ އީދުގައި އެމްއެންޑީއެފްގެ ފަރާތުން އެއްވެސް ރަށެއްގައި ހަވާއެރުމުގެ އިންތިޒާމު ހަމަޖެހިފައެއް ނުވާ ކަމަށެވެ. ނަމަވެސް ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް 18 ރަށަކުން އެމްއެންޑީއެފް ސިފްކޯގައި އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ

އެގޮތުން ސިފްކޯގައި ހަވާ އެރުވުމަށް އެދިފައިވާ 18 ރަށަކީ ހއ.ބާރަށް، ހއ.ދިއްދޫ، ހއ.ވަށަފަރު، ނ.ވެލިދޫ، ނ.ހޮޅުދޫ، ނ.ފޮއްދޫ، ރ.މާކުރަތު، ބ.ފުޅަދޫ، ބ.ދަރަވަންދޫ، ބ.އޭދަފުށި، ކ.ދިއްފުށި، ކ.ގުރައިދޫ، ކ.ހިއްމަފުށި، ކ.ގާފަރު، އއ.ތޮއްޑޫ، އއ.އުކުޅަސް، ގދ.ފިޔޯރީ، އަދި ސ.ހިތަދޫއެވެ.

އީދާ ދިމާކޮށް ރަސްރަށުގައި ހަވާ އަރުވަން ނިންމާފައިވާ އިރު، މި ދުވަސްވަރަކީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުވަމުން އަންނާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް ނުބާއްވަން ނިންމައި ހުޅުމާލޭގައި ހަވާ ނާރުވަން ވަނީ ނިންމާފައެވެ. އެޗްޑީސީން މިހެން ނިންމި އިރު ހުޅުމާލޭގައި އީދު ޝޯވް ވެސް ނުބާއްވަން ވަނީ ނިންމާފައެވެ.

ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ. އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ވަނީ ހަވާ އަރުވާފައެވެ.