އިއްޔެ އޮތް ށ. ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ގޮނޑިއެއް ހޯދައި، އެމްއެންޕީން އެ ޕާޓީގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ކޮމަންޑޫ އަންހެނުންގެ ކޮމިޓީގެ ދެ ގޮނޑި ހުސްކޮށް އޮތް އިރު، އެމްއެންޕީގެ އިތުރުން ވެރިކަންކުރާ އެމްޑީޕީންނާއި އިދިކޮޅު ޕީޕީއެމުން ވެސް އެ ދެ ގޮނޑިއަށް ވާދަ ކުރިއެވެ. އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރީ އެންމެ ކެންޑިޑޭޓެކެވެ. އެމްޑީޕީ އާއި ޕީޕީއެމް، މި ދެ ޕާޓީން ކޮންމެ ޕާޓީއަކުން ދެ ކެންޑިޑޭޓުން ވާދަކުރިއެވެ.

އެގޮތުން އިއްޔެ ކޮމަންޑޫގެ އަންހެނުންގެ ކޮމިޓީގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ އަށް ބަލާލާއިރު، އެންމެ ގިނައިން ވޯޓު ހޯދާފައިވާ ތިން ކެންޑިޑޭޓުންނަކީ:

  • ޒައީމާ އާދަމް (އެމްއެންޕީ): 334 ވޯޓު
  • އައިޝަތު ވަހީދާ (އެމްޑީޕީ) 288 ވޯޓު
  • އައިޝަތު ރަޝީދާ (ޕީޕީއެމް): 223 ވޯޓު

އެހެންކަމުން، ކޮމަންޑޫ އަންހެނުންގެ ކޮމިޓީގެ ހުސްވެފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް އެންމެ ގިނަ ވޯޓާ އެކު އިންތިހާބުވީ އެމްއެންޕީގެ ޒައީމާއެވެ. އަދި ދެވަނަ ގޮނޑިއަށް އިންތިހާބުވީ އެމްޑީޕީގެ ވަހީދާއެވެ. ވުމާއެކު، މިއީ އެމްއެންޕީއަށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ލިބުނު ފުރަތަމަ މޮޅެވެ.

މީގެ ކުރިން ވެސް އެމްއެންޕީން ވަނީ ދެ އިންތިހާބެއްގައި ވާދަކޮށްފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީން މިއަހަރުގެ ކުރީކޮޅު ވާދަ ކުރިއިރު، ދާދި ފަހުން ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކޮށް، އެ ޕާޓީގެ ކެންޑިޑޭޓް ބަލިވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް ޕާޓީއަކީ އެމްއެންޕީއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް އެ ޕާޓީން ވަނީ އިއުލާނު ކޮށްފައެވެ.