އދ. ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާގައ އެކެއްގެ ފުރާނަ ގެއްލުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ތައުޒިޔާ ވިދާޅުވީ، މިއަދު ފެންފުށީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެ ހަދިސާގެ މައުލޫމާތާއި އެރަށގެ ހާލަތު އޮޅުއްފިލުއްވަމުންނެވެ،

މި ފޯންކޯލުގައި ފެންފުށީ ކައުންސިލްގެ ރައީސް ވަނީ، ހާދިސާގެ މައުލޫމާތު ރައީސް އާ ހިއްސާ ކުރައްވައި އަދި އުދައެރުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކާ ގުޅޭ މައުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދުގެ ހިތާމަވެރި ހާދިސާގައި މަރުވި ޒުވާނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ފެންފުށީގައި މި ދިމާވި ކަންކަމާ ގުޅިގެން ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މިއަދު ފެންފުށީގައި އެ ހާދިސާ ހިނގީ، އެރަށު ތުނޑި ސަރަހައްދަށް ގޮސް، 4 މީހެއްގެ ތެރެއިން 2 މީހަކު މޫދަށް އެރި އުޅެނިކޮށް އައި ރާޅަކާ ދަމައިގަނެގެންނެވެ. އެ ހާދިސާގައި މަރުވެފައި ވަނީ ތ. ދިޔަމިގިއްޔަށް އުފަން ޖުނާހު، 23، އެވެ. އޭނާ މަރުވީ، އެއަތޮޅު މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ނަމަވެސް ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޝީޒާ ވަހީދު "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ދެ މީހުންގެ ތެރެއިން، ފެންފުށްޓަށް ނިސްބަތްވާ މީހާގެ ހާލު ރަނގަޅު ކަމަށާއި، ދެވަނަ މީހާ ގެނައި އިރު ވެސް މަރުވެފައި ވާ ކަމަށެވެ.