މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް 20 ފޫޓުގެ 680 ކޮންޓެއިނަރުގެ މުދާ ޖެހޭ ބޯޓެއް ގަނެފިއެވެ. މި ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު އެސްޓީއޯ ހެޑްއޮފީހުގެ ޓެރަސްގައި ވބާއްވާފައި ވާއިރު، މިއީ އެ ކުންފުންޏަށް ގަން 3 ވަނަ ބޯޓެވެ.

އެމްއެސްއެސް ގްރެފީން ގެ ނަމުގައި ދުއްވާ އެ ބޯޓު ގަތުމުގެ އެއްބަސްވުމުގައި އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އަދި ބޯޓު ވިއްކި ޖަރުމަނުގެ ކެންޑްލާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޮނަސް ކެލާ އެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރި އިރު، އެ ބޯޓު ވަނީ ރާއްޖެ އައިސްފައެވެ، މި ބޯޓުގެ ދަތުރުތައް ރަސްމީކޮށް އަންނަ އޮގަސްޓް މަހު ފަށާއިރު ދަތުރު ކުރާނީ މާލެ، ސިންގަޕޫރު އަދި މެލެޝިއާ ރޫޓުގައެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އެމްއެސްއެސް އިން ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި 3 ވަނަ ބޯޓާއެކު ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާއި ރާއްޖެއާ ގުޅުވާލެވޭނެ ކަމަށެވެ. މީގެ އިތުރުން އެމްއެސްއެސް މެދުވެރިކޮށް ރާއްޖޭގައި ޝިޕިން ދާއިރާ ކުރިއަރުވައި ރާއްޖެއަށް ބޭރު ފައިސާ ވަންނަ ދާއިރާތަކުގެ ތެރޭގައި އެ ދާއިރާ ވެސް ހިމެނޭވަރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.