ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި، ހަތް އަތޮޅެއްގެ ރަށްރަށަށް އުދަ އަރައި އެކިވަރުގެ ގެއްލުން އެ ރަށްރަށަށް ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދެކުނުގެ ރަށްރަށަށް ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މިއަދު މެދުރާއްޖެތެރެއިން ފެށިގެން އެންމެ ދެކުނުގެ ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މެންދުރުފަހު 3 އިން އިރުއޮއްސި 6 އާ ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، ބައެއް ރަށްރަށަށް، ހާއްސަކޮށް ދެކުނުގެ ރަށްރަށަށް އުދަ އަރައި އެ ރަށްތަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

އެންޑީއެމްއޭއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ:

  • ތ. އަތޮޅުގެ އަށް ރަށުގެ ތެރެއިން ހަ ރަށަކަށް
  • ގދ. އަތޮޅުގެ ފަސް ރަށަކަށް
  • އައްޑޫ ސިޓީ
ރަށަކަށް އުދައާ އެކު މިޔަރެއް އަރާފައި

އޭގެ ތެރެއިން، ތ. މަޑިފުށީގެ 60 ގެއަކަށް ލޮނު ވަދެފައިވާއިރު، އެ އަތޮޅުގެ ގާދިއްފުށީގެ 35 ގެއަކަށް ވަނީ ލޮނު ވަދެފައެވެ. އަދި ދިޔަމިގިއްޔާއި، ވޭމަންޑުއާއި، އޮމަދޫގެ އިތުރުން ކިނބިދޫގެ ގެތަކަށް ލޮނު ވަދެ، އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. ގދ. އަތޮޅުގެ މަޑަވެލީގެ 98 ޕަސެންޓު ގެއަށް ފެންވަދެފައިވާއިރު، އެ އަތޮޅުގެ ރަތަފަންދޫގެ 40 ގެއަކަށް އެކި ވަރުގެ ގެއްލުންވި ކަމަށް، އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.

ހަމަ އެއާއެކު، އައްޑޫގެ މަރަދޫ އަވަށުގެ 50 ގެއަކަށް ލޮނު ވަދެފައިވާއިރު، މަރަދޫފޭދޫ އަވަށުގެ 30 އަކަށް ގެއަށް ލޮނު ވަދެ، އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

އުދަ އެރުމާ ގުޅިގެން، އެމްއެންޑީއެފްގެ ދެކުނު އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ އައްޑޫގެ ރައްޔިތުންނަށް އެހީތެރިވެދީ، އެ ރަށްރަށުގެ ހާލަު ގާތުން ބަލައި، މޮނިޓާކުރަން ފަށައިފައެވެ.

ރަށަކަށް އުދަ އަރާފައި

މޫސުމާ ބެހޭ އިދާރާ އިން ބުނީ، ރަށްރަށަށް އުދަ އަރަނީ މޫސުމީ ވިއްސާރައާ ގުޅިގެން ކަމަށާއި، އެއްވެސް ސަރަހައްދެއްގައި ތޫފާނެއްގެ އަދި ކޮޅިގަނޑެއްގެ އަސަރެއް ވެސް ނެތް ކަމަށެވެ. އެ އިދާރާ އިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެއެވެ.

"މިއީ ހަމަ ބޮޑަށް ހަމަ ހުޅަނގު މޫސުމުގެ ވިއްސާރަ ހަމަ ދޭތެރެ ދޭތެރެއިން ހުޅަނގު މޫސުން އަންނާނެ އިނގޭތޯ."
މޫސުމާ ބެހޭ ގައުމީ އިދާރާ

އަދި އެ ސަރަހައްދުތަކަށް ވައި ބާރު ވާނެ ކަމަށް ވެސް، އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެންޑީއެމްއޭ އިން ބުނީ، އުދަ އަރައި، ގެއްލުން ލިބެމުންދާ ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެ އިދާރާ އަށް ރިޕޯޓްކުރަމުންދާ ކަމަށާއި، އެ ރަށްރަށުގެ ކައުންސިލްތަކާ އެކު ވާހަކަ ދައްކައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމުން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އާއި އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.