މިއީ ޗުއްޓީ ދުވަސްވަރު ކަމުން ދަތުރުކުރާ މީހުން ގިނަވެ އެއާޕޯޓަށް ބާރުބޮޑުވާތީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން އެދިއްޖެއެވެ.

ސުކޫލް ބަންދުވުމާއި އީދު ބަންދަށް ގިނަ ބަޔަކު ރާއްޖެ އާއި ރާއްޖެއިން ބޭރަށް މަތިން ދަތުރުކުރަމުން އަންނައިރު އެމްއޭސީއެލްއިން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކުން ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް އައުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ އެގޮތަށް އެދުނީ ޗެކްއިން ކިއުތައް ދިގުވެ، އިތުރު ޑިލޭތަކެއް ވުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ކަމަށެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެމްއޭސީއެލްއިން އެއާޕޯޓުގައި މާސްކު އެޅުމާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިސްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ދާދިފަހުން ވަނީ ދަތުރުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަންޖެހޭ ނަމަ ނުވަތަ ގެއްލިފައިވާ ވެކްސިން ކާޑު އަލުން ހަދަންޖެހޭ ނަމަ ދުރާލާ އެކަމަށް އެދެންވާނެ ކަމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ ކޮވިޑް-19އަށް ޓެސްޓްކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުފެށުމަށް އެދިފައެވެ.