ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ދިފާއުކޮށް ލިބެން ޖެހޭ އަދަބެއް ހުއްޓުވަން މަސައްކަތް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނާޒިމް އާއި އިތުރު ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯއާ ގުޅިގެން އާސްކް ސްޕީކާގެ 5 ވަނަ ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ނާޒިމަށް ލިބެން ޖެހޭ ހައްގު އަދަބު ހުއްޓުވަން މަސައްކަތް ނުކުރައްވާނެ ކަމަށާއި އެއްވެސް މީހަކަށް ދޭން ޖެހޭ ހައްގު އަދަބެއް ހުއްޓުވަން އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެހެންނަމަވެސް ކަމެއް ހިނގުމުން އެ ކަމުގެ ދެކޮޅު ނުބަލައި އެއަށް ބަސް ބުނުމާއި އަދަބު ދޭން އުޅުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކުގައި ވެސް އޮތް ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ބަރަހަނާ ވީޑިއޯ އަދި ފޮޓޯތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ނަގާފައިވަނީ ފުލުހުންނާ ގުޅިގެން ކަމަށާއި އެ ފޮޓޯތައް ވެސް ނިކުންނާނެ ކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާ ކަމަށާއި މި ފަހުން ފޮޓޯތަކާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލަތަކުގައި 43 މީހުން ހިމެނޭ ކަމަށް ވެސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.