އެމްޑީޕީގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަތަސް ދައުލަތުގެ މާލީ މައްސަލަތައް ނުބަލައި މިނިސްޓަރުގެ އަތް މައްޗަށް ދޫކޮށްލައިގެން ނުހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށްގެންދިޔަ އާސްކް ސްޕީކާގެ 5 ވަނަ ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އާއި ސްރީ ލަންކާގެ ތެލުގެ ރިޒާވް ބަލައި އޮޅުންފިލުވައިގެން ނޫނީ އެ މަނިކުފާނު ރިޔާސަތުގައި ނީންނަވާނެ ކަމަށާއި އަބަދުވެސް ގެންދަވާނީ ރާއްޖޭގެ މާލީ ހާލަތު ކައިރިން ބަލަމުން ކަމަށެވެ.
ނަޝީދު ވަނީ އެފަދަ ވާހަކަ ދެއްކެވުމަކީ އެމަނިކުފާނުގެ ރަހުމަތްތެރިންނާއި ޕާޓީ މެމްބަރުން އަދި ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވެސް ހިތްހަމަނުޖެހޭ ކަމަކަށް ވީ ނަމަވެސް އެ ވާހަކަ ދައްކަވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މާލިއްޔަތު ކޮމިޓީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކޮމިޓީއެއް އޮންނައިރު ބޭނުންވާ ފުން މިނެއްގައި ކަންކަން ބެލުމުގެ ގާނޫނީ ބާރުވެރިކަން އެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ކާޑާއި ތެލާއި ބޭހުގެ ރިޒާވާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީން ވަނީ ފަސް މަސް ދުވަހުގެ ރިޒާވް ހުރި ކަމަށް ބެލެވޭ ކަމަށާއި އެ މައުލޫމާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުންނާނެ މައުލޫމާތެއް ކަމަށާއި އެއީ ހާމަ ކުރެވޭ މައުލޫމާތެއް ނޫން ކަމަށް ވިޑާލުވެފައެވެ.