ފިޔަރެސް ނޫހުގައި ލިޔުނު ހަބަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމްއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދަން އޭނާ މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސަލީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ "ދިޔަރެސް" ނޫހާއި އެ ނޫހުގެ މަސްއޫލުވެރިޔާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުއާ ދެކޮޅަށް ދައުވާކޮށް ދިނުމަށް އެދިއެވެ.

މެމްބަރު ސަލީމްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، 'ދިޔަރެސް' ނޫހުގައި މި މަހު 25 ގައި ލިޔުނު ހަބަރެއްގައި އޭނާއާ ގުޅުވާއި، ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި އެ ލިޔުން ޝާއިއުކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ކަމަަށް އެ ބާޔަނުގައި ބުނެއެވެ. އަދި އެ ހަބަރު ޝާއިއުކޮށްފައި ވަނީ ސަލީމްއާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި، ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ވީޑިއޯއަކާ ހަވާލާދީ އެ ވީޑިއޯއިން ނުފެންނަ މީހަކީ ސަލީމް ކަމަށް ލިޔެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ކަމަށް ބުނާ ފަރާތާއި އެކަމުގެ ހަގީގަތް ސާފުކުރުމުގެ ގޮތުން ސުވާލު ކޮށްފައި ނުވާ ކަމަށް ސަމީލް ވިދާޅުވެއެވެ. އެއީ ސޯޝަލް މީޑިއާގައި އުޅޭތާ އެތައް މަހެއްވެފައިވާ ވީޑިއޯއެއް ކަން ގިނަ ބަޔަކަށް އެނގޭއިރު، އެ ލިޔުން ލިޔެފައި ވަނީ، އެއްވެސް ޒިންމާދާރު ކަމެއް އިންސާފުވެރި ކަމެއް ނެތި ކަމަށް ވެސް ސަލީމް ވިދާޅުވެއެވެ. އެ ލިޔުމާ ގުޅިގެން ސޯޝަލް މީޑިއާގައި އަދި އެނޫން ވެސް ތަންތަނުގައި އެއީ ހަގީގަތެއް ކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަލީމް ގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެއެވެ.

އެ ލިޔުން އާންމުކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ ސަލީމް ކަމަށް ބުނުމުން އޭނާ ވިދާޅުވެފައި ވަނީ އްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރާ ގޮތަށް ލިޔެ ދައުރުކޮށްފައި ވަނީ ހަގީގަތެއް، އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.