ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން މިއަދު ހެކިބަސް ދިން ފަރާތަށް އެ މުއާމަލާތާ ގުޅޭ އެއްވެސް އެއްވެސް މައުލޫމާތެއް ނޭންގޭ ކަމަށް ކޯޓުގައި ބުނެފިއެވެ.
ޝަރީއަތުގެ މަޖިލީހަށް މިއަދު ހާޒިރުވެ ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދީފައި ވަނީ ޓްއަރިޒަމް މިނިސްޓްރީގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ބުނީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިނގިއިރު އޭނާ ހުރީ ޗުއްޓީގައި ކަމަށެވެ.
އެ ހެކިވެރިޔާ ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅުތަކާއި ރަށްތައް ދޫކުރި ގޮތުގެ ބައެއް ތަފުސީލުތައް ހާމަކޮށްފައެވެ. އެގޮތުން ރަށެއް ނުވަތަ ފަޅެއް ދޫކުރާނަމަ ޓުއަރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވައިގެން އެ ރަށެއް ނުވަތަ ފަޅެއް ރިސޯޓު ހަދަން ދޫކުރާ ރަށްތަކުގެ ދަފުތަރަށް ބަދަލުކުރުމަށް އެދޭކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ޔާމީންގެ ދިފާއުން ވަނީ އާރަށުގެ މުއާމަލާތާއި ގުޅިގެން ޓްއަރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވިކަން އެނގިވަޑައިގަންނަވާތޯ އާއި އާރަށް ކުއްޔަށް ދިނުމަށް ރައީސް އޮފީހުން ޓްއަރިޒަމް މިނިސްޓްރީއަށް ފޮނުވި ގަރާރެއް ހެކިވެރިޔާއަށް ފެނުނުތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެމުން ހެކިވެރިޔާ ތަކުރާރުކޮށް ވަނީ އޭނާ އޭރު ހުރީ ޗުއްޓީގައި ކަމަށް ވާތީ އެއްވެސް ލިޔުމެއް ނުފެންނަ ކަމަށާއި ޗުއްޓީ ނިންމުމަށްފަހު ރާއްޖެ އައިފަހުން އެފަދަ އެއްވެސް ލިޔުމެއް އޭނާއަށް ފެނިފައި ނުވާކަމަށް ބުނެފައެވެ.
މިއަދުގެ ޝަރީއަތުގައި އެ ހެކިވެރިޔާ ވަނީ ލީޒް އިކްއިޒަން ކޯސްޓް ދައްކާގޮތެއް ވެސް ނޭންގޭ ކަމަށާއި އިކްއިޒަން ކޯސްޓާއި ބެހޭ އެއްވެސް ޒިންމާއެއް އޭނާގެ ނޯންނާނެ ކަމަށް ބުނެއެވެ. އަދި އެމްއެމްޕީއާރްސީ އަކީ ވަކި ކުންފުންޏެއް ކަމަށްވެސް ހެކިވެރިޔާ ފާހަގަކުރިއެވެ.
އެ ހެކިވެރިޔާ އިތުރަށް ވަނީ ފައިސާގެ މުއާމަލާތްތަކުގައި އެންމެ އިސްކޮށް އުޅެނީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭރު ހުރި އަބްދުﷲ ޒިޔަތު ކަމަށް ބުނެފައެވެ.
މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މަހުގެ 16 އަދި 19 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދެ ހެކިވެރިން ހާޒިރުކޮށް ހެކިބަސް ނަގާފައެވެ. އެގޮތުން މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަހާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ވަނީ ނަގާފައެވެ.