ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
އެ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ހެނދުނު 9:30 އަށް ތާވަލްކުރިއިރު އިއްޔެ ތާވަލުކުރި އަޑުއެހުން ވަނީ ޔާމީންގެ ވަކީލުންގެ މައްސަލައެއް ހައިކޯޓުގައި އޮތުމުން އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދިފައިވާތީ ކެންސަލްކޮށްފައެވެ.
މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
މީގެ ކުރިން އާ ރަށުގެ މައްސަލާގައި މި މަހުގެ 2 ވަނަ ދުވަހަށް ތާވަލްކުރި އަޑުއެހުން ވަނީ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ކެންސަލްކޮށްފައެވެ.
އެންމެ ފަހުން މި މަހުގެ 16 އަދި 19 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދެ ހެކިވެރިން ހާޒިރުކޮށް ހެކިބަސް ނަގާފައެވެ. އެގޮތުން މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަހާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ވަނީ ނަގާފައެވެ.
ފޮރެންސިކް ތަހުލީލުކޮށްފައި ވަނީ ޔޫސުފް ނައީމްގެ ނަންބަރާއި މުއާމަލާތްކޮށްފައިވޭތޯ ބެލުމަށް ތިން އައިފޯނަކުން ނަގާފައިވާ ޑޭޓާތަކެކެވެ. އެހެންނަމަވެސް އެ ތިން ފޯނު ނިސްބަތްވަނީ ކޮން ފަރާތްތަކަށްކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި ލެޕްޓޮޕް ތަހުލީލުކުރި އޮފިސަރު ވަނީ ލެޕްޓޮޕުން ތަހުލީލުކޮށްފައިވަނީ ވައިބާ އިމޭޖް ފައިލްއެއް ކަމަށާއި އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނަންބަރުގެ އިތުރުން އަދި އިތުރު ދެ ނަންބަރަކަށް އެ ލެޕްޓޮޕްއިން ކޮށްފައިވާ ވައިބާ މެސެޖްތައް ކަމަށް ވަނީ ބުނެފައެވެ.